މެދު އިރުމަތީގެ ހަނދުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުތަކުގެ ސަބަބުން ތެލުގެ އަގުތައް އުފުލެމުންދާއިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފިއެވެ.

މިކަމާ ގުޅިގެން މިފްކޯއިން ބުނީ މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 27.24ރ. އަށް ކަމަށާއި އަދި އާންމު ފަރާތްތަކަށް ޑީސަލް ވިއްކާނީ 28.54ރ. އަށް ކަމަށެވެ. މިފްކޯގެ އިތުރުން އެސްޓީއޯއިންވެސް ވަނީ ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ. އެއާއެކު ލޯންޗުދަތުރުތަކުގެ އަގުތައްވެސް ވަނީ ބޮޑުވާން ފަށާފައެވެ.

މީގެއިތުރުން ތެލުގެ ބާޒާރަށް އައި ބަދަލުތަކުގެ ސަބަބުން، ޖެޓް ފިއުލްގެ އަގު އުފުލި އޭޝިއާ ސަރަހައްދުގެ އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑުކޮށް، ފިއުލް ސާޗާޖު އިތުރުކުރަން ވަނީ ފަށާފައެވެ.

ދުނިޔޭގެ ގިނަ އެއާލައިންތަކުން ވަނީ ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ފިއުލް ސާޖާޗު ބޮޑުކުރަން ޖެހިފައިވާކަން އިއުލާނުކޮށްފައެވެ. މީގައި ގިނަ ދިވެހިން ދަތުރު ކުރަމުންދާ އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯ ވެސް ހިމެނެއެވެ.

އަދި އެއާ އޭޝިއާ އިން ވެސް ވަނޯ ބާޒާރުގެ ހާލަތު މޮނިޓާ ކުރަމުން ދަތުރުގެ އަގުތައް ބޮޑުކޮށް، ފިއުލް ސާޗާޖު ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ޑޮމެސްޓިކް އަދި ސަރަހައްދީ ރޫޓުތަކުން 399 ރުޕީސްގެ ސާޗާޖެއް ނަގާއިރު، ދެކުނު އިރުމަތީ އޭޝިއާ އަށް ކުރާ ދަތުރުތަކުން 60 ޑޮލަރަށް އަދި އެފްރިކާގެ ރޫޓުތަކުން 90 ޑޮލަރަށް ސާޗާޖު އަރާނެ ކަމަށް ވެއެވެ.

އަދި ރާއްޖޭގައި ވެސް ވީއައިއޭ އިން ވިއްކާ ޖެޓް ފިއުލްގެ އަގު ވަނީ ބޮޑުކޮށްފައެވެ.