މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، ހާނިއްކަކުރުމާ، މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް އިތުރުވަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ،

ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަހްލޫގުންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް މިހާރު ވަނީ ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ މި ހައްގުތަކުގެ ތެރޭގައި ހިމެނެނީ:

  • ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
  • ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
  • ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
  • ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.
  • އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.

މި ހައްގުތަކަކީ މިހާރު ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނުން ރައްކާތެރިކަން ދީފައިވާ ކަންކަންކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާ، ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް މިނިސްޓްރީން ބުނީ ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާކަމެއް ކަމަށެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގާ ގޯނާކޮށްފި ނަމަ އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލައިފި ނަމަ އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 5,000 ރުފިޔާ އާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ޖަނަވާރުންނަށް ރަހުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ އަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއް ކަމަށާ އިސްލާމްދީނުގައި ހުރިހާ ދިރޭ ތަކެއްޗަށް ރަހުމްކުރުމަށް ބާރުއަޅުއްވާފައިވާ ކަމަށެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ގެ ސުންނަތުން އެނގޭ ގޮތުގައި، ޖަނަވާރުންނަށް އޯގާތެރިވުމަކީ އިންސާނުންގެ މައްޗަށް އޮތް ދީނީ އަދި އަހްލާގީ ޒިންމާއެއް ކަމަށާއި އެއްވެސް ބޭނުމެއްނެތި ޖަނަވާރުންނަށް ތުރާލެއް ދިނުމަކީ ދީނީގޮތުން މަނާކުރައްވާފައިވާ ކަމެކެވެ.

އެހެންކަމުން، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި ހުރިހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ހިއްސާ އޮތް އިޖުތިމާއީ ޒިންމާއެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގާނޫނުތައް ފުރިހަމައަށް ތަންފީޛުކުރުމާއި، އެތަކެތީގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.