ޕިއްޒާ ބޯލްސް އަކީ ކުޑަދިންނާއި ބޮޑެތި މީހުން ވެސް ވަރަށް ގަޔާވާ ކާން ވަރަށް މީރު އެއްޗެކެވެ. ޕިއްޒާގެ ހުރިހާ ރަހައެއް ކުޑަ ބޯޅައެއްގެ ތެރޭގައި ފޮރުވިފައި ހުންނަ މި ކާއެތިކޮޅު، ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ހާރު ކާ ގަޑިއަށްވެސް ވަރަށް ގުޅެެއެވެ. ތައްޔާރު ކުރަން ފަސޭހަ ވަގުތު ވެސް މާ ގިނައިން ނުނަގާ މި ރެސިޕީ އެއްފަހަރު ތަޖުރިބާ ކޮށްލުމުން ގޭތެރޭގެ ފެވަރިޓް ސްނެކްއަށް ވެގެން ދާނެ ކަމާ މެދު ޝައްކެއް ނެތެވެ.
ބޭނުންވާނެ ތަކެތި:
- 2 ޖޯޑު ފުށް
- 3/4 ޖޯޑު ހޫނު ފެން
- 1 ސަމްސާ ހަކުރު
- 1/2 ސަމްސާ ލޮނު
- 1 ސަމްސާ ޔީސްޓް
- 2 ސަމްސާ އޮލިވް އޮއިލް
ފިލިންގެސް ހެދުމަށް:
- 200ގ ޗިކަން ނުވަތަ ބީފް (ކުދިކޮށް ކޮށާފައި)
- ޓޮމާޓޯ ސޯސް
- 1/2 ޖޯޑު ޗީޒް
- 1/4 ޖޯޑު ބެލް ޕެޕާ
- މިރުސް
- ލޮނުމެދު (ގާނާފައި)
- ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ކުޑަ ތައްޓެއްގައި ހޫނު ފެނަށް ހަކުރާއި ޔީސްޓް އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން 10 ވަރަކަށް މިނިޓް ބަހައްޓާލުމުން ޔީސްޓް ހަރަކާތްތެރިވެ ފޮނު ނަގަން ފަށާނެ އެވެ. ދެން ބޮޑު ތައްޓެއްގައި ފުށް، ލޮނު، އަދި އޮލިވް އޮއިލް އެއްކޮށްލުމަށް ފަހު ޔީސްޓް ގިރި ފެން ތެރެއަށް ރަނގަޅަށް ފުށްގަނޑު ގިރާލާށެވެ. ދެން ތެތް ފޮތިގަނޑަކުން ނިވާ ކޮށްލާ 1 ގަޑިއިރު ވަންދެން ހޫނު ތަނެއްގައި ބަހައްޓާ ފުށްގަނޑު ފުފެން ދޫކޮށްލާށެވެ.
ފިލިންގްސް ހެދުމަށް ތަވައެއް ހޫނު ކޮށްލުމަށް ފަހު ތެޔޮ ކޮޅެއް އަޅައި ލޮނުމެދު ކޮޅު ރަން ކުލަ ވަންދެން ފިހެލާށެވެ. ދެން ކޮށާފައިވާ ޗިކަން ނުވަތަ ބީފް އެޅުމަށް ފަހު ލޮނާއި މިރުސް ލައި ރަނގަޅަށް ކައްކާލާށެވެ. ދެން ޓޮމާޓޯ ސޯސްކޮޅު އޭގެތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ބެލް ޕެޕާ ކޮޅު ވެސް އެއްކޮށްލައި 2 ވަރަކަށް މިނިޓް ކައްކާލާށެވެ. ދެން ތަވަ އުނދުން މަތިން ބާލާ ފިލިންގްސް ހިހޫ ކޮށްލަން ބަހައްޓާށެވެ.
ޕިއްޒާ ބޯލްސް ތައްޔާރުކުރުމަށް ފުށްގަނޑު ފުފި ދެ ގުނަ ބޮޑުވުމުން، ތަށިން ނަގައި ކުޑަ ކޮށް ފިތާ ހަމަހަމަ ބޮޅުތަކަކަށް ބަހާލާށެވެ. ކޮންމެ ބޮޅެއް ވެސް ތުނިކޮށް ދަމާލާށެވެ. ދެން އެތެރެއަށް ފިލިންގްސް ކޮޅެއް އަޅާ ޗީޒް ކޮޅެއް ވެސް އަޅާށެވެ. ފިލިންގްސް ލުމަށް ފަހު ފުށްގަނޑުގެ ކައިރިތައް ރަނގަޅަށް ޖައްސައި ބަންދު ކޮށްލައި، ދެ އަތްތިލައިން ވަށް ބޯޅައެއްހެން ބައްޓަން ކޮށްލާށެވެ. ހުރިހާ ބޯލްސްތައް ވެސް މި ގޮތަށް ތައްޔާރު ކޮށްލާށެވެ.
އެއަށްފަހު ބޭކިން ޓްރޭ އެއްގައި ބަޓަރު ހާކާ ނުވަތަ ބޭކިން ޕޭޕާ ތިރީގައި ލާށެވެ. ދެން ތައްޔާރު ކޮށްފައިވާ ބޯލްސްތައް ޓްރޭ ގައި ތަންތަންކޮޅު ދޫކޮށްލަމުން ބަހައްޓާށެވެ. ބޯލްސްތަކުގެ މަތީގައި ވިރުވި ބަޓަރު ހާކާލުމަށް ފަހު، ހިކި ޕާސްލީ ބޭނުންނަމަ ބުރުވާލާށެވެ. ދެން ހޫނު ކޮށްފައިވާ އަވަނަށް ލައި 20 އިން 25 މިނިޓް ވަންދެން ރަން ކުލަ އަރަންދެން ފިހެލާށެވެ.
