ސަރަހައްދީ ހަމަޖެހުމަށްޓަކައި ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުންތަކަށް އަލި އަޅުވާލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ 1988 ގެ އުދުވާނީ ހަމަލާއާއި، ސުނާމީ ކާރިސާއާއި، މާލެއަށް ކުރިމަތިވި ވޯޓާ ކްރައިސިސް، އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވަގުތުތަކުގައި ވެސް އިންޑިއާއިން މެދުކެނޑުމެއްނެތި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިހާރު ދުނިޔެ މިހާރު އޮތް ހާލަތަށް ބަލާއިރު، ތެލުގެ އެހީތެރިކަމަށް ރާއްޖެއިން އިންޑިއާގައި އެދިފައިވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއިން ޒިންމާދާރުކަން ދެއްކުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވިދާޅުވެ، ސަރަހައްދީ ހަމަޖެހުމަށްޓަކައި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެނެވޭ އެއްވެސް އިސްލާހަކީ، އަވަސް އަރުވާލައިގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ބައިވެރިވާ ފުރިހަމަ މަޝްވަރާތަކަކަށްފަހު ކުރެވޭ ކަމަކަށް ވާންޖެހޭކަމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނާލުމަށް ދިވެހި ސަރުކާރަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމާއެކު، ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ މިދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާފައިވެއެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކާއި ގުޅިގެން ސަރަހައްދީ ހަމަޖެހުމަށް އެއްވެސް އަސަރެއް ކުރާނެކަމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އަވަށްޓެރި އެއްވެސް ގައުމެއްގެ ކަމާ ބެހޭ މާހިރަކު އަދި ފާހަގަކޮށްފައެއްނުވެއެވެ.
ރާއްޖޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާއިރު، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ދުނިޔޭގައި ވެސް އަލަށް ކުރާ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، އިންޑޮނޭޝިއާގެ އިތުރުން، ތުރުކީ އަދި މެކްސިކޯ އާއި އުރުގުއޭ ފަދަ ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގައި ވެސް ކާމިޔާބު ކަމާއެކު ދެ އިންތިހާބު އެއް ދުވަހެއްގައި ދަނީ ބާއްވަމުންނެވެ.
