މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، ވިޔަފާރި ކުންފުންޏެއްގެ ބޭންކު އެކައުންޓަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު މީހަކު ކުށަށް އިއުތިރާފުވެއްޖެއެވެ.
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279،000 އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ނެވެ. ޖެނުއަރީ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި، މި މީހުންގެ ތެރެއިން އެކަކު ހިންމަފުށިން ހައްޔަރުކޮށްފައިވާ އިރު، ތިން މީހަކު ހައްޔަރުކޮށްފައިވަނީ އައްޑޫން ނެވެ. ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށްވާއިރު މި އެންމެންވެސް ތިބި ޖަލު ބަންދުގައެވެ.
އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހދ. ވައިކަރަދޫ، ޕެރިމްރޯޒް، އަބްދުﷲ ނާފިޒް ވަނީ ކުށަށް އިއުތިރާފުވެފައެވެ. ނާފިޒް ކޯޓުގައި ބުނީ އޭނާ އެ ކުށް ކުރި ކަމަށް އެއްބަސްވާ ކަމަށާއި، ސްކޭމްކޮށްގެން ނެގި ފައިސާ އަނބުރާ ދައްކަން ބޭނުންވާ ކަމަށެވެ.
ނާފިޒްގެ އިތުރުން މި މައްސަލައިގައި ދެން އިއްޔެ ކޯޓަށް ހާޒިރުކުރީ ގދ. ފިޔޯރީ، ހީނާމާގޭ އަލީ އިމްރާން އާއި، މ. މާލޭގެއާގޭ މުހައްމަދު ނުހާދު އަލީގެ އިތުރުން ގދ. ތިނަދޫ، ގުލްބަކާގެ އަބްދުﷲ އިސްރާގެވެ. ނަމަވެސް، މި ތިން މީހުން ކުށަށް އިއުތިރާފުވެފައެއް ނުވެއެވެ. ކޯޓުން ވަނީ މި ހަތަރު މީހުންގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.
މި މައްސަލައިގައި މީގެކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ، ފޫހިވާގޭ މުހައްމަދު އަލީ ވެސް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކުންފުނީގެ އެކައުންޓުން ފޭރުނު ފައިސާގެ ތެރެއިން 25,242.80ރ. އޭނާގެ އެކައުންޓަށް ވަދެފައިވެއެވެ.
މީގެ ކުރިން ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުލުހުން ބުނިގޮތުގައި، މި މީހުންގެ ތެރެއިން ހަ މީހަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުންނެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާ އަށް މުދާ ގަނެފައިވެ އެވެ. އަނެއް ތިން މީހުންނަކީ އެކި މީސް މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށް ފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުންނެވެ.
