ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމުގައި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ޕާޓީ އިން ބުނެފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޕާޓީ އިން ބުނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި، ގައުމުގެ ސުލްހަމަސަލަސްކަމުގެ އިތުރުން ރައްޔިތުންނަށްވެސް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އެގޮތުން އެ ޕާޓީގެ ރައީސް ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އިގްތިސާދީ ހާލަތްތަކުން އަރައިގަތުމަށް އަބަދުވެސް ވަކާލާތުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުގައި އެ ޕާޓީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އިއުތިރާފްވާކަން ހާމަކޮށް އެ ޕާޓީ އިން ބުނީ އެ ނިންމުމަށް މަރުހަބާ ކިޔާކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެ ޕާޓީ އިން ވަނީ ގޮވާލާފައެވެ. މިކަމަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައިވެސް އެމްޑީއޭއިން ވަނީ ބުނެފައެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެއްބަސްވަމުންދިޔަ ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. މިކަމާ ދެކޮޅު ހަދާ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް އިދިކޮޅުން ފާހަގަ ކުރަމުންދަނީ އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނެއެވެ.
އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނަމަ، ރައްޔިތުން އެކަމަށް ހޭލުންތެރިވެ ގޮތް ނިންމުމަށް އެކަށީގެންވާ ވަގުތު ވެސް އެންމެ ކުޑަމިނުން ނުލިބޭ ކަމަށް ބުނެއެވެ. މީގެއިތުރުން ފެންނަ ނުފެންނަ ވޯޓު ބޭއްވުމަށް ވުރެ ސިޔާސީ މުވައްޒަފުން މަދުކުރުމުން ދައުލަތުގެ ހަރަދު ކުޑަވާނެ ކަމަށް އެ ވޯޓާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅުން ބުނެފައި ވެއެވެ.
