މި އަހަރުގެ ފިތުރު އީދު ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު އުފާ ފާހަގަކުރުމުގެ ގޮތުން، ކުރީ އަަހަރުތަކެކޭ އެއްފަދައިން ''އީދު ހަވީރު 1447'' ގައުމީ ފެންވަރުގައި ކުރިއަށް ގެންދާގޮތަށް ނިންމާފައިވާކަމަށާއި، އެގޮތުން އީދު ދުވަހުން ފެށިގެން ތިން ދުވަހު އީދު ހަވީރު އޮންނާނެކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އީދު ހަވީރު ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާކަމަށާއި މި ހަރަކާތްތައް ފެށިގެންދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ކަމަށެވެ.
މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށްކަމަށާއި، އަދި ހުޅުމާލޭގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން ވެސް އޮންނާނެކަމަށާއި، ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ އީދު ހަވީރު 1447ގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެކަމަށާއި، އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
