ތިން ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅި ނަމަވެސް އެ މީހާގެ ފަރާތުން އެ ފަދަ ޝަކުވާއެއް ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ހައްޔަރު ކުރި ބިދޭސީ މީހާއަށް އަނިޔާ ކުރި ކަމަށް އެޗްއާރްސީއެމް އަށް މައްސަލަ ހުށަހަޅާފައި ވަނީ މިހާރު ވެސް ބަންދުގައި ހުރި 36 އަހަރުގެ ހަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ.

ފުލުހުން ބުނީ، އެޗްއާރްސީއެމުން މައްސަލަ ތަހުގީގުކުރާކަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް އެ މީހާ ބަންދުކުރި މަރުހަލާގައި ވެސް އަދި ބަންދުގައި ހުރި މުއްދަތުގައި ވެސް އަނިޔާއެއް ލިބިފައިވާކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަަލއިގައި ހައްޔަރު ކުރި ހަނީފްގެ ބަންދަށް އިތުރު 30 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ. އެ އަމުރުން އެނގޭ ގޮތުގައި ކޯޓުގައި އޭނާގެ ފަރާތުން ވަނީ، ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ ފަރާތުން މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ހަނީފް އާއެކު ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ، ގއ. މާމެންދުއަށް ނިސްބަތްވާ 28 އަހަރުގެ އަޒުހަދު ނަސީމެވެ. ދެ މީހުންގެ ތެރެއިން ހަނީފަކީ، އަޒުހަދުގެ މުވައްޒަފެއް ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.