ދިވެހިރާއްޖޭގެ ދިގު ތާރީހަކީ ފަހުރުވެރި ޖިހާދުތަކަކާއި ގައުމީ ބަތަލުންގެ ގުރުބާނީތަކުން ފަރުމާކުރެވިފައިވާ ތާރީހެކެވެ. މިގޮތުން ހއ. ތަކަންދޫގައި ހުރި އަލިތަކުރުފާނު (އައްސުލްތާން އަލީ 6 ވަނަ) ގެ ޒިޔާރަތަކީ ދިވެހި އުންމަތުގެ މިނިވަންކަމަށްޓަކައި ޝަހީދުވި މަތިވެރި ބަތަލެއްގެ ހަނދާންތައް އާކޮށްދޭ މުހިންމު ބިނާއެކެވެ. މި ޒިޔާރަތަކީ ދިވެހިންގެ ދީނާއި ވަތަނަށްޓަކައި ވީ ގުރުބާނީގެ ދިރިހުރި ހެއްކެކެވެ.
އަލިތަކުރުފާނު ނުވަތަ "އަލިރަސްގެފާނު" ޝަހީދުވީ މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ ޕޯޗުގީޒުންގެ އަނިޔާވެރި ލަޝްކަރު މާލެއަށް އަރައިގަތް ވަގުތެވެ. އެ ދުވަހު އަލިރަސްގެފާނު ނުކުމެވަޑައިގަތީ މަދު ހަނގުރާމަވެރިންކޮޅަކާއެކު ދީނާއި ގައުމުގެ ދިފާއުގައެވެ.
މި ހާދިސާއާއި ގުޅޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމް ވިދާޅުވީ އަލިތަކުރުފާނު ތަކަންދޫގައި ތަކަންދޫ ހަތީބުކަމާ ހަވާލުވެގެން ހުންނެވި އިރު ތަކަންދޫ ކަނބަލަކާ ކައިވެނިފުޅު ބައްލަވައިގެން އެރަށުގައި ދިރިއުޅުއްވި ކަމަށެވެ. އަދި ގައުމީ ޖިހާދުގައި އެބޭފުޅާ ކަޅުއޮއްފުންމީގަ ދުވާލު ގަޑީ އެކި ސަރަހައްދު ތަކުގަ އުޅުމަށްފަހު ދަންވަރު ތަކަންދޫއަށް އަންނަ ކަމަށް ބުނެވޭ ކަމަށް ނައީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވި ގޮތުގައި މާލޭގައި އަލިތަކުރުގެފާނުގެ އިސްތަށިފުޅު ކޮންމެސް ބަޔަކު ވަގަށް ނެގުމަށް ފަހު ކ. އަތޮޅު ކުންފުނަދޫގައި ވަޅުލާފައިވާކަމަށްވެސް ބުނެ އުޅެއެވެ. އެތާ މަހާނަވެސް އޮތްކަން ފާހަގަކޮށް ނައީމް ވިދާޅުވީ އިސްތަށިފުޅު ފިޔަވާ ބާކީ އޮތްބައި ފަސްދާނުލެވިފައިވަނީ ތަކަންދޫގެ އަލިތަކުރުފާނު ޒިޔާރަތުގައިކަމަށެވެ. ކުރިން މިތަނަށް ކިޔާ އުޅެނީ މިޔަދޮށުގަނޑުވަރުކަމަށާއި، އެއީ އެ ބޭފުޅާ އަނބިކަނބަލުންނާއި ކައިވެނި ބައްލަވައިގެން އުޅުއްވި ގެކޮޅު ކަމަށް ނައީމް ވިދާޅުވިއެވެ.
ޒިޔާރަތް ހަދާފައި ހުރި ގޮތް
ތަކަންދޫގައި ހުރި އަލިތަކުރުފާނު ޒިޔާރަތަކީ ދިވެހި ސަގާފީ ބިނާކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ތަނެކެވެ. މި ޒިޔާރަތް ބިނާކޮށްފައިވަނީ ހިރިގަލުންނެވެ. ޒިޔާރަތުގެ ވަށައިގެން ކުޑަ ގޯއްޗެއް އޮންނައިރު، އެ ގޯތި ވަށައިގެންވެސް ހިރިގަލުގެ ފާރެއްލެވިފައިވެއެވެ. ޒިޔާރަތުގެ މައި އިމާރާތަކީ އޮޅިއާއި، ތަނބާއި، ފުރާޅު ވަރަށް ފުރިހަމައަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޒިޔާރަތުގެ އެތެރޭގައި ތެޅިގަލުން ކަނޑައިނަގައިގެން ތައްޔާރުކޮށްފައިވާ ރީތި ކުރެހުންތަކާއި ފަރުމާތައް ފެންނަން ހުރިއިރު އެތަނުގައި ހުރި މަހާނަގަލަކީވެސް ދިވެހި ކާބަފައިންގެ މަސައްކަތްތެރިކަން ވަރަށް ފުރިހަމައަށް ހާމަކޮށްދޭ އެއްޗެއްކަމަށް ނައީމް ވިދާޅުވިއެވެ.
އަލިތަކުރުފާނު ޒިޔާރަތަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ތަނެކެވެ. މި ތަނުގެ ދިގު މުއްދަތުގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުންނާއި ތަކަންދޫ ކައުންސިލުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއެވެ.
މި ތަނަކީ ތާރީޚީ ގޮތުން މުހިންމު ތަނަކަށްވާތީ، ޒިޔާރަތަށް ޒިޔާރަތްކުރާ މީހުންނަށް އެތަނުގެ މައުލޫމާތު ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދެއެވެ.
އަލިތަކުރުފާނު ދެއްކެވި ހިތްވަރާއި ސާބިތުކަމަކީ ކޮންމެ ދިވެހި ދަރިއަކު ނަމޫނާއަކަށް ބަލަންޖެހޭ ފިލާވަޅެކެވެ.
އަލިތަކުރުފާނު އިންދެވި ކާނިގަސް އަލިފާނުގެ ހާދިސާއެއްގައި ވަނީ ނެތިގޮސްފައި
ކުރީގައި އެ ސަރަހައްދުގައި 2 ކާނިގަސް ހުރިކަމަށާއި ދޫދޫ މަތިން ބުނެވޭ ގޮތުން އެއީ އަލިތަކުރުފާނު ތަކަންދޫގައި އުޅުއްވި އިރު އިންދެވި ގަހެއްކަމަށް ނައީމް ވިދާޅުވިއެވެ. ނަމަވެސް މިކަން އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތްކަމަށްވެސް ނައީމް ފާހަގަކުރެއްވިއެވެ.
އިތުރަށް ނައީމް ވިދާޅުވިގޮތުގައި މިތަނުގައި އެންމެ ފަހުން ހުރި ކާނި ގަސް ވަނީ މީގެ 6 އެއްކަ އަހަރު ކުރިން ހިނގާދިޔަ އަލިފާނުގެ ހާދިސާއެއްގައި ހިކި މަރުވެފައެވެ.
މިތަނުން މާލީ ނަފާ ލިބޭ ގޮތް ހެއްދެވުމަކީ ރައީސްގެ ވައުދުފުޅެއް
ތަކަންދޫގައި ހުރި އަލިތަކުރުފާނު ޒިޔާރަތަކީ ހަމައެކަނި އާސާރީ ބިނާއެއް ނޫނެވެ. އެއީ ދިވެހި ގައުމިއްޔަތުގެ ރޫހެވެ. އެއީ އިސްލާމްދީނާއި މިނިވަންކަމަށްޓަކައި ލޭ އޮހޮރުވައިލި ބަތަލެއްގެ ހަނދާނީ ބިނާއެވެ. މިފަދަ ތާރީހީ ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި އަހަރެމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެކެވެ.
ނައީމް ވިދާޅުވީ މިރަށަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިތަން ބައްލަވާލައްވާ މިތަން އެއްކޮށް ތަރައްގީކޮށް ހަނދާނީ މަރުކަޒަކާއެކު މިތަނުން މާލީ ނަފާ ލިބޭގޮތަށް ހުޅުވާލާނެކަމުގެ އުފާވެރި ހަބަރު ދެއްވާފައެވެ.
