ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އުލިގަމަކީ ތާރީހީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ވަރަށް ހާއްސަ ރަށެކެވެ. ރަށުގެ ނަމަށް ބަލާއިރުވެސް "އުލިގަން" މި ނަމުން މިއީ ބޮޑު ރަށެއްކަން ދޭހަވެއެވެ. ރަށުގެ ދިގުމިނާއި ފުޅާ މިނަށް ބަލާއިރު މިއީ އަތޮޅުގެ ނިސްބަތުން ބޮޑު ބިމެއް އޮތް ރަށެކެވެ. ރަށުގެ ދޮށީ އުމުރުގެ މީހުން ކިޔައިދޭ ގޮތުގައި އުލިގަމަކީ އާބާދީގެ ގޮތުންނާއި ތަނަވަސްކަމުގެ ގޮތުން މާޒީގައި ވަރަށް ކުރިއަރާފައިވާ ރަށެކެވެ.
އުލިގަމުގެ ތާރީހަށް ނަޒަރު ހިންގާއިރު، މިރަށަކީ އެއްފަހަރަށްވުރެ ގިނަފަހަރު ފަޅުވެ އަލުން އާބާދުވެފައިވާ ރަށެކެވެ. އުލިގަން ފަޅުވެ އަލުން އާބާދުވި ގޮތަށް ބަލާއިރު، މިއީ އެ ރަށުގެ ދޮށީ އުމުރުގެ މީހުންގެ ދޫދޫމަތިން ކިޔައިދެމުން އަންނަ ވަރަށް އަސަރުގަދަ ވާހަކަތަކެކެވެ.
ބޮޑު ބަލިމަޑުކަމެއްގައި އުލިގަން ފަޅުވި
ރަށުގެ އިސްރަށްވެހިން ބުނާ ގޮތުގައި އުލިގަން ފަޅުވުމުގެ އެންމެ ބޮޑު ސަބަބަކީ އޭރުގެ ރާއްޖޭގައި ފެތުރުނު ނުރައްކާތެރި ބަލިމަޑުކަމެވެ. ވަކި ހިސާބަކުން ރަށުގައި މަރުވާ މީހުންގެ އަދަދު އިތުރުވެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީހުން ވަޅުލަން ޖެހުމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
އެ ދުވަސްވަރު ރަށުން ސަލާމަތްވި މަދު ބަޔަކު، ބަލީގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ރަށް ދޫކޮށް ކައިރި ރަށްރަށަށް ހިޖުރަކުރީކަމަށް ބުނެވެއެވެ. މިގޮތުން ބައެއް މީހުން ހއ. ތުރާކުނަށާއި، އިހަވަންދޫ ފަދަ ރަށްރަށަށް ދިޔަކަމަށް ތާރީހީ ރިވާޔަތްތަކުން އެނގެއެވެ. މިގޮތަށް މީހުން ހުސްވުމުގެ ސަބަބުން އުލިގަން އޮތީ ވަރަށް ބޮޑަށް ޖަންގަލިވެ، އާސާރީ ބިނާތަކާއި މިސްކިތްތައް ގަސްތަކުގެ ތެރެއަށް ގެއްލިފައެވެ.
އުލިގަން އަލުން އާބާދުވުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެ ރަށުގެ މުއްސަނދި ފަސްގަނޑާއި ދަތުރުފަތުރަށް އޮތް ފަހިކަމެވެ. ރަށުގެ މީހުން ކިޔައިދޭ ގޮތުގައި ރަށް ފަޅުވެފައި އޮތުމަށްފަހު އަލުން މީހުން އާބާދުވާން ފެށީ ކައިރި ރަށްރަށުންނާއި އަދި ކުރިން އެ ރަށުގައި އުޅެފައި އެހެން ރަށްރަށަށް ދިޔަ މީހުންގެ ދަރިފަސްކޮޅު އެނބުރި އައުމުގެ ސަބަބުންނެވެ.
ހާއްސަކޮށް، އުލިގަމަކީ އުތުރުގެ ބޮޑު އަތޮޅެއްގެ އެންމެ ބޭރުގައި އޮތް ރަށަކަށް ވެފައި ބޭރުގެ އޮޑިފަހަރަށް ބަނދަރުކުރަން ފަސޭހަ ތަނަކަށް ވުމުން ވިޔަފާރިވެރިންނާއި ދަތުރުވެރިންގެ ޝައުގުވެރިކަން މި ރަށަށް އަބަދުވެސް އޮންނަކަމަށް އުލިގަމުން ވާހަކަދެއްކި މީހަކު ކިޔާދިނެވެ.
ރަށުގެ މީހުން ކިޔާދޭ ގޮތުގައި ދެވަނަ ފަހަރަށް ރަށް އާބާދުވިއިރު މީހުން ދިރިއުޅެން ފެށީ ކުރީގެ އާބާދީ އޮތް ސަރަޙައްދު ނޫން އެހެން ދިމާއެއްގައެވެ. މިކަމުގެ ސަބަބުން ކުރީގެ މިސްކިތްތަކާއި ގަބުރުސްތާނުތައް ރަށުގެ ވަލުތެރެއަށް "އާސާރީ ތަންތަނުގެ" ގޮތުގައި ދޫކޮށްލެވުނީއެވެ.
މިހާރު ފެންނަން ހުރި ތަރާގަނޑުތަކާއި ބޮޑެތި މަހާނަގައުތަކަކީ އެ ފަޅުވި އާބާދީގެ މީހުންގެ ހަނދާންތަކެވެ. މިހާރުގެ އުލިގަމުގެ ރައްޔިތުންނަކީ އެ މާޒީގެ ތަނަވަސްކަމާއި ފަންނުވެރިކަމުގެ ވާރުތަވެރިންނެވެ. ރަށުގެ ދޮށީ މީހުން އަދިވެސް އެ ވާހަކަތައް ދައްކަނީ ވަރަށް ފަހުރުވެރިކަމާއެކުގައެވެ.
އުލިގަމުގެ އާސާރީ ތަންތަނުން ރަށުގެ މާޒީގެ ސޮފްހާތައް ކިޔާދޭ
ރަށުގެ އެކި ހިސާބުތަކުގައި ހުރި މިސްކިތްތަކުގެ ތަރާގަނޑުތަކާއި އެ މިސްކިތްތަކާ ގުޅިފައިވާ ބޮޑެތި ގަބުރުސްތާނުތަކަކީ އުލިގަމަކީ މާޒީގައި ވަރަށް ބައިގިނަ އާބާދީ ބޮޑު ރަށެއްކަމުގެ ހެއްކެކެވެ.
މިހާރު މީހުން ދިރިއުޅޭ ސަރަހައްދުގެ ބޭރުގައި ވަލުތެރޭގެ އެކި ދިމަދިމާލުން ފެންނަން ހުރި އާސާރީ މިސްކިތްތަކުގެ ބިންގާތަކާއި އަކިރިގަލުން ރާނާފައިވާ އިންފާރުތަކުން އެނގެނީ އެއްދުވަސްވަރެއްގައި ރަށުގެ ބޮޑު ސަރަހައްދެއްގައި މީހުން ދިރިއުޅެފައިވާ ކަމެވެ. މި ގަބުރުސްތާނުތަކުގެ ބޮޑުމިނަށް ބަލާލުމުން އެއީ އެތައް ސަތޭކަ އަހަރެއްގެ ތާރީހު އޮތް، ގިނަ އަދަދެއްގެ މީހުން ވަޅުލެވިފައިވާ ތަނެއްކަމަށް ގަބޫލުކުރެވޭ ކަމަށް ރަށުގެ މީހުން ބުނެއެވެ.
އުލިގަމުގެ ތާރީހީ މުއްސަނދިކަން އެންމެ ބޮޑަށް ހާމަވަނީ އެރަށުގެ ކަށްބިންތަކުގައި ހުރި މަހާނަގާތަކުންނެވެ. މި ގާތަކަކީ ވަރަށް ރީތިކޮށް ކަނޑާނަގާ ކުރެހުން އަޅާފައިވާ ބޮޑެތި ގާތަކެކެވެ. ރަށުގެ ދޮށީ މީހުން ބުނާ ގޮތުގައި މިރަށަކީ ރާއްޖެއިން ބޭރަށް ދަތުރުކުރި ފުރެއްދެ އޮޑިފަހަރު ގެންގުޅުނު ތަނަވަސް ބަޔަކު ދިރިއުޅުނު ރަށެކެވެ.
އޭރުގެ މީހުން އިންޑިއާގެ މަލާބާރީ އައްސޭރިއަށާއި ސިލޯނަށް (ސްރީލަންކާއަށް) ދަތުރުކޮށް ވިޔަފާރީގެ މުއާމަލާތްތައް ހިންގިއެވެ. މި ތަނަވަސްކަމުގެ ސަބަބުން މިސްކިތްތައް ބިނާކުރުމާއި މަހާނަގާތައް ތައްޔާރުކުރުމުގައާއި ފަރުމާކުރުމުގެ މުއްސަނދިކަން ވަރަށް ބޮޑަށް ގެންގުޅެފައިވާކަމަށް ބުނެއުޅެއެވެ. ބައެއް މަހާނަގައުތަކުގައި ހުރި ކުރެހުންތަކާއި އަރަބި އަކުރުން ލިޔެފައިވާ ލިޔުންތަކަކީ އޭރުގެ މީހުންގެ ފަންނުވެރިކަމާއި ތަހުޒީބު ހާމަކޮށްދޭ ދިރިހުރި ހެކިތަކެއްކަމަށް ރަށުގެ މީހުން ބުނެއެވެ.
ހއ. އުލިގަމަކީ ހަމައެކަނި ރީތި ރަށެއް ނޫނެވެ. އެއީ ދިވެހި ތާރީހުގެ ފޮރުވިފައިވާ އެތައް ސަފުހާތަކެއް އެކުލެވިގެންވާ ރަށެކެވެ. ރަށުގެ ބިމުގެ އަޑީގައާއި ވަލުތެރޭގައި ހުރި އާސާރީ ތަންތަނުން ހާމަކޮށްދެނީ އުލިގަމަކީ އެއްދުވަސްވަރެއްގައި ރާއްޖޭގެ އުތުރުގެ އިގުތިސާދީ އަދި އިޖުތިމާއީ މަރުކަޒެއްގެ ގޮތުގައި އޮތް ތަނަވަސް އަދި ބައިގިނަ ރަށެއް ކަމެވެ.
މި އާސާރީ ތަރިކަތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެކެވެ.
