މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މުލު ރޯދަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކަމަށް މޯލްޑިސް ޒަކާތު ހައުސް އިން ބުނެފިއެވެ.
ފިތުރު ޒަކާތަކީ، ކޮންމެ މުސްލިމަކު، ތިމާ އާއި، ތިމާ ހަރަދު ކުރަން ޖެހޭ މީހުން، އީދު ވިލޭރެ އާއި، އީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާ ހަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމައުގެ ފަގީރުންނަށް ދިނުން، ފަރުޟު ކޮށްފައިވާ އެއްޗެކެވެ.
އެގޮތުގެ މަތިން އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތަކަކީ:
- ދިރާގު ޕޭ
- އެމް ފައިސާ
- ފައިސާ މޮބައިލް
- ބީއެމްއެލް
- ފަހިޕޭ
- އަވަސް އެޕް
- ބަނޑޭރި ޕޯޓަލް
ޒަކާތު ހައުސްއިން ބުނި ގޮތުގައި ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވެއެވެ.
އަދި މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:
- އާދައިގެ ހަނޑޫ - 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ - 53 ރުފިޔާ
- ރަތް ހަނޑޫ - 96 ރުފިޔާ
- ބާސްމަތީ އާދައިގެ ހަނޑޫ - 77 ރުފިޔާ
- ބާސްމަތީ މޮޅު ހަނޑޫ - 109 ރުފިޔާ
- ބާސްމަތީ އެންމެ މޮޅު ހަނޑޫ - 136 ރުފިޔާ
- އާދައިގެ ފުށް - 10 ރުފިޔާ
- އާޓާ ފުށް 75 ރުފިޔާ
ފިތުރު ޒަކާތަކީ، ކޮންމެ މުސްލިމް ފިރިހެން އަންހެން، ކުދި ބޮޑު އެންމެންގެ މައްޗަށް ވެސް، ފަރުޟު ކުރައްވައިފައިވާ ކަމެކެވެ. ސަދަގާތް ކުރުމަކީ، އިޖްތިމާއީ ގުޅުން ވަރުގަދަވެ، މުސްލިމުންގެ މެދުގައި، އުހުއްވަތްތެރިކަމާއި ދީނީ ލޯބި، އުފެދިގެން ދާކަމެކެވެ. މިހެންވެ، ގިނަގިނައިން ސަދަގާތްދީ، ތިމާގެ ތަނަވަސްކަން ހުރި މިންވަރަކުން، އެހެން މީހުންނަށް އެހީތެރިވެ އުޅުމަށް، މާތްﷲ އާއި އެކަލާނގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ، އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވެ އެވެ.
