ބިންވެރިޔާ ސްކީމުން ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާ ގޯތި ދޫކޮށްލާ ނަމަ، އެ އެޕްލިކޭޝަންގައި ތިބި އެންމެންނަށް ވަކިވަކިން ގޯތި ލިބޭ ގޮތަށް ގޯއްޗަށް އެދި ހުށަހެޅޭ އާ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

'ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން "ޢާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި މި އަހަރު ވަނީ އާ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމް ގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެ އާއި ވިލިމާލެ އިން 3 ކޮޓަރީގެ 7900 ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާފައެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިމަކުގެ ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު، ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، ވަކި ކެޓެގަރީ އެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް އާ ޕްރޮގްރާމެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓް ކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 15000 ގޯތީގެ ތެރެއިން މި 2 ކެޓެގަރީ އިން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

15000 ގޯތި ދޫކުރެވޭ ރަސްމާލޭގެ ބިން ހިއްކުން ވަރަށް ބާރު ދުވެލީގައި ދަނީ ކުރިޔަށް ކަމަށާއި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކާ ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، އަލަށް އިއުލާނު ކުރާ ޕްރޮގްރާމުގެ ސަބަބުން މިހާރު ކުރިއަށްދާ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އާ ޕްރޮގްރާމެއް އިއުލާން ކުރާނެ ކަމަށް މިއަދު ރައީސް ވިދާޅުވި ނަމަވެސް، މި ޕްރޮގްރާމް އަށް ފޯމް ހުށަހެޅުމަށް ހުޅުވާލާނެ ތާރީހެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. އަދި ޕްރޮގްރާމް ފަށާނެ ތާރީހެއް ހައުސިން މިނިސްޓަރު ވެސް ހާމައެއް ނުކުރައްވައެވެެ.