މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު ތެރޭ ޑޮލަރު މާރުކުރި އަދަދު 492 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށާއި އެމްއެމްއޭ އިން މިދިޔަ އަހަރު އެކަނިވެސް 492 މިލިޔަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެގެން ދިޔަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން ޑޮލަރު އެބަހުރި ކަަމށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 275 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޖަމާކޮށްފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ ވަރަށް ވެސް ނާޒުކު ފައްތަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. ވޭތުވެ ދިޔަ ދައުރުގައި މާލީ ކަންކަމުގައި ގެންގުޅެފައިވާ ޒިންމާދާރު ކަން ކުޑަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މާލީ ކަންކަން އޮތީ ބޮއްސުންލާފަ ކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން ބޮޑު އަގުގައި ބޭރުގެ ފަރާތްތަކުން ބޮޑެތި ދަރަނިތައް ނެގުމާއި ފައިސާ ޗާޕްކޮށްގެން ހަރަދުކުރުން އޮތީ ހައްދު ފަހަނައަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވެރިކަމާ ހަވާލުވުމަށް ފަހު އެ ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ މާލީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވި ކަން އިޔާދަކޮށް މެކްރޯ ސްޓްބިލިޓީ އިކޮނޮމިކް ގާއިމްކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގާނޫނުން އިސްތިސްނާ ހޯދައިގެން ފައިސާ ޗާޕްކުރަމުން ދިޔަ ދިއުން ވެރިކަމާ ހަވާލުވެވަޑައިގެން އެކަން ނިމުމަކަށް ގެނެސްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
