މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަކީ މުހިއްމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު އެމްޕީއެލް އިން ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމަށް ބޭނުންވާ 2 ކިލޯ މީޓަރުގެ ކީވޯލާއި ޕޭވް ކުރުމާއި އިމާރާތްތައް އެޅުމުގެ މަސައްކަތާއި އަދި އިކުއިޕްމަންޓް ހޯދުން މިއަހަރުގެ މެދުތެރޭގައި އެކި ފަރާތްތަކަށް މި އަހަރު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތެއް ނިންމާ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލާ އެކު ބަނދަރުގެ ހިދުމަތްތައް ފެށުމާއެކު މިހާރު 7 ދުވަހުން ހުސް ކުރެވޭ ބޯޓުތައް 48 ގަޑިއިރު ތެރޭ ހުސްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ބަނދަރުގައި މުދާ ބެހެއްތޭނެ މުއްދަތު އިތުރު ކުރެވި މުދާ ރާއްޖެ ގަނައުމަށް ކުރާ ހަރަދު ކުޑަކުރެވި މުދަލުގެ އަގުތައް ވެސް ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިހާރު މާލޭގައި ގުދަން ކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ ފުރުސަތު ފަހިވެ، މާލޭގެ މާރުކޭޓް ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލް ސޭލް ވިޔަފާރި އެކީގައި ތިލަފުއްޓަށް ބަދަލު ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުދާ އުފުލާ ދޯނި ފަހަރަށް ފަސޭހަކަމާއެކު ބަނދަރު ކުރެވި މުދާ އަރުވާ ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ މުއްދަތު މަދުވެ، މުދާ ރަށްރަށަށް ގެންދިއުން އަވަސްވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލާއެކު މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަން ކުރަން ޖެހުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދު ކަމުގައިވާ މާރުކޭޓް ސަރަަހައްދާއި އެމްޕީއެލް ސަރަހައްދުގައި ދުއްވާ އުޅަނދުތަކަށް ވެސް ފަސޭހަވެގެން ދާނެ ކަމަށާއި މާލެއަކީ މިޙުން ހިނގާބިނގާވެ އުޅެން ފަސޭހަ ތަނަކަށް ވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
