ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ކަނޑުގެ މައްސަލައިގައި ފޮނުއްވި ސިޓީފުޅު, އަނބުރާ ގެންނަން ދިވެހި ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަމަށެވެ. އެގޮތުން ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން ޖެނުއަރީ 18ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި އިޓްލޮސްއިން މައްސަލަ ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައިވާނެ ކަމަށެވެ.
މި މައްސަލަ ދިރާސާކުރެއްވުމަށްފަހު ކެބިނެޓަށް ހުށަހެޅުއްވި ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށާއި އެ ނިންމުންތައް ތަންފީޒު ކުރުމަށް ސަރުކާރުން މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓް 2022 ގައި މުރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހިރާއްޖެއިން އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަހުރުވެރި ދިވެހި ދައުލަތަށް ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ހައްގުގައި ތިޔަ އިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ ކުރީފަޅު މަތީގައި މި ވަގުތު އަޅުގަނޑު އިއުލާނުކުރަން." ރައީސް ވިދާޅުވިއެވެ.
އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ކުރީ ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދުން ބަހާލުން ރައީސް ސޯލިހްގެ ސަރުކާރުން އެކަން ސިފަކޮށްފައި ވަނީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.
އެއާއެކު ޗާގޯސް މައްސަލައިގައި އިޓޮލްސްއިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަށް ނިންމައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުފުޅު ވެވަޑައިގެންފައެވެ. އަދި ހަފްތާ 14 މަގުޗާޓުގައި ޗާގޯސް މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ވަނީ ހިމަނާފައެވެ.
