މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 275 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ އާމްދަނީއަށް ބަލާއިރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 38 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އާމްދަނީ އިތުރު ކުރުމަށް ތަންފީޒުކޮށްފައިވާ ސިޔާސަތުތަކާ އެކު ޓެކުހުގެ އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުިފޔާ ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި ހިލޭ އެހީ ވަނީ 2024 އަހަރު ލިބުނު އާމްދަނީ އާއި ހިލޭ އެހީއަށް ބަލާއިރު 12 ޕަސެންޓް އިތުރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އިގްތިސޯދީ ދުވެއްޔަށް އަންނަ ބަދަލުތަކާއެކު މިއަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލާއެކު މިދިޔަ އަހަރު ބޭރު ފައިސާގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ލިބިފައިވާ ކަން ރައީސްގެ ރިޔާސީ ބަޔާޏުގައި ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ޖަމާކުރާ ޑޮލަރު އިތުރުވެފައިވާ ކަމަށާއި ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އެސްޑިއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު. މި ސަރުކާރު އައި ފަހުން އެސްޑީއެފްގެ ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާ ކަން ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް މިހާރު އަންނަނީ ފާހަގަކުރަމުން."
ރައީސް ޑރ. މުހައްމަދު މުއިއްްޒު

މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން މި ދަނީ ކުރީ ސަރުކާރުން ވެފައިވާ ދަރަނިތައް އަދާކޮށް ފާގަތިކަން މާދަމާއެއް ހޯދައި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަހަރު އޭޕްރީލް މަހު ދައްކަން ޖެހިފައިވާ ސުކޫކް ދައްކާނީ ދައުލަތަށް ދަރަނީގެ ބުރަ ބޮޑު ނުވާނެ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 150 މިލިއަން ޑޮލަރުގެ ސުކޫކް ދައްކާނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ފައިސާއިން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ވަގުތު އެސްޑީއެފްގައި 275 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޖަމާކޮށްފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އެސްޑީއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށާއި މި ސަރުކާރު އައި ފަހުން އެސްޑީއެފްގެ ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާ ކަން ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް ފާހަގަކުރަމުން އަންނަ ކަމަށް ރައިސް ވިދާޅުވިއެވެ.