ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ 8 މިސްކިތެއް އަޅައި ނިންމައި ހުޅުވާނެ ކަމަށާއި މާލެ ސަރަހައްދުގައި ހުރި މިސްކިތްތަކުގެ ތެރެއިން 800 މީހުންގެ ޖާގައިގެ މިސްކިތްތައް އޭސީކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ވޭތުވެ ދިޔަ އަހަރު 74 މިސްކިތާއި 7 އިސްލާމީ މަރުކަޒާއި 3 ޤުރުއާން މަރުކަޒާއި 6 ވަގުފް ބިނާއާއެކު މުޅި އެކު 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި 10 ރަށެއްގެ މަސައްކަތް ނިންމާ ހުޅުވި ކަމަށާއި އަދި ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިސްކިތްތައް އެޅުމުގެ އިތުރުން ވެސް ބޭނުން ކުރަމުންދާ މިސްކިތްތައް މަރާމާތު ކުރުމަށް ވެސް ހާއްސަ ސަމަލާުކަމެއް މި ސަރުކާރުން ދީގެން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ހޭދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު މިސްކިތްތައް މަރާމާތު ކުރުމަށް 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރު ތެރޭ ދައުލަތުގެ ބަޖެޓުން ހަރަދުކޮށް ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރެއިން 3 މަރުކަޒެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ސޮއިކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިސްކިތް އެޅުމުގެ މަސައްކަތް ތަކުގެ ތެރެއިން ހުޅުމާލޭ ގްރޭންޑް މިސްކިތް އެޅުމުގެ ތަސައްވުރެއް އެކުލަވާލައި މިއަހަރު ތެރޭ އެ މިސްކިތުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭ ސަރަހއްދުގައި ހުރި މިސްކިތްތަކުގެ ތެރެއިން 800 މީހުންގެ ޖާގައިގެ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ސަރަހައްދު އޭސީ ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މި ރަމަޟާން މަސް ފެށުމުގެ ކުރިން 8 މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކީރިތި ގުރުއާން ކިޔަވާ ހިތުދަސްކުރާ ހާފިޒުންނަށް ދޭން ޖެހޭ ގަދަރު ދޭން ޖެހޭނެ ކަމަށާއި އެ ގޮތުން ހާފިޒުންނަށް ދޭން ޖެހޭ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ. ނިމިދިޔަ 2025 ވަނަ އަހަރަކީ ރާއްޖޭގެ ތަރާިހުގައި އެންމެ ގިނަ މީހުން ހާފިޒުން ގޮތުގައި ދަސްވެނިވި އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ އަހަރު 30 ހާފިޒުން ވަނީ ދަސްވެނިވެފައެވެ.
