5 އަހަރުގެ ދައުރެއްގެ ތެރޭގައި 3 އިންތިހާބު ބޭއްވުމުން މުޅި ދައުލަތް އޮންނަނީ 'އިންތިހާބީ ހުމެއްގެ' ތެރޭގައި ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އިސްލާހު ހުށަހަޅާފައިވާއިރު، މިނިސްޓަރު ޝަރީފް ވަނީ 5 އަހަރު ތެރޭ 3 އިންތިހާބު ބޭއްވުމަކީ ގައުމީ އުފެއްދުންތެރިކަމަށް މަސައްކަތް ކުރުމަށް ލިބޭ ވަގުތުން ބޮޑު ބައެއް ކެންޕެއިންތަކަށް ހޭދަ ކުރަންޖެހި އަދި އެކަމުގެ ސަބަބުން ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު، އެކުގައި ބޭއްވުމަކީ މުޅި ގައުމުގެ މަސްލަހަތު ހިމެނޭ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން އިލްކެޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވަނީ އިންތިހާބަކަށް އެވްރެޖުކޮށް 120 މިލިއަން ރުފިޔާ ހޭދަވާއިރު ރިޔާސީ އިންތިހާބުގެ ދެ ބުރާ، މަޖިލިސް އިންތިހާބު އެއްކޮށް 300 މިލިއަނެއްހާ ރުފިޔާ ހޭދަވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުން އިންތިހާބަށް ކުރާ ހަރަދު 45 ޕަސެންޓް ކުޑަކުރެވިގެންދާނެކަން ފާހަގަކުރައްވަމުން ފުވާދު ވިދާޅުވީ އޭރުން މުޅި ޖުމްލަ ކުރަންޖެހޭ ހަރަދު 150 މިލިއަނަށްވުރެ އިތުރުނުވާނެކަމަށެވެ.
ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ މި އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައްދަލުވުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ކުރިއަށް އޮތް ކައުންސިލް އިންތިހާބާއެކު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވެފައެވެ.
އުޝާމް ވިދާޅުވީ މި ބިލަކީ ސަރުކާރުން ގިނަ މަޝްވަރާތަކާއެކުގައި ހުށަހެޅި ބިލެއް ކަމަށާއި އެފަދަ ވޯޓެއް ނެގުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންނަށް ގިނަ ފައިދާތައް ލިބޭނެކަމެއް ކަމުގައި އުޝާމް ވިދާޅުވިއެވެ.
