މިއަދު މާލެއާއި ގއ. އަތޮޅުގައި ކުރިއަށްދާ 'އޮޕަރޭޝަން އަލިމަގު' ގައި 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފެށި މި އޮޕަރޭޝަނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

ސައުތް ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މިދިޔަ ނޮވެމްބަރު މަހު ވެސް މިފަދަ އޮޕަރޭޝަނެއް ހިންގާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގި އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވެފައިވާއިރު 100 އަށްވުރެ ގިނަ ތަންތަން ބަލާ 90 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އޭރު ހޯދި ބައެއް ތަކެތީގެ ފޮޓޯ ވެސް އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި ބޮނޑި ބޮނޑިއަށް އޮޅާފައި ހުރި ގިނަ އަދަދެއް ގެ ފައިސާވެސް ހިމެނެއެވެ.

އޮޕަރޭޝަން އަލިމަގުގެ ތެރެއިން ފުލުހުން ތަނެއް ބަލައި ފާސްކުރަނީ / ފައިލް ފޮޓޯ: ފުލުހުން

އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ ހަރަކާތެވެ. މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިއުގަތައް ހުއްޓުވައި މުޅުން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެއުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެއެވެ.