ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހިންގި ސްކީމެއްގައި ބައިވެރިވެ، ފައިސާ އިންވެންސްޓް ކުރި މީހަކަށް ބަދަލުގެ ގޮތުގައި 5.9 ލައްކަ ރުފިޔާ ދެއްކުމަށް އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އަލްހާނާއި ޝަހުބާން އަދި ކިންގްސް ކުންފުނީގެ މައްޗަށް އަމިއްލަ މީހަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ދެ ފަހަރެއްގެ މަތިން އިންވެސްޓްކުރި 120،000 ރުފިޔާ އާއި އެ ފައިސާ އިންވެސްޓް ކޮށްގެން ލިބެންޖެހޭ ފައިދާގެ ގޮތުގައި ނުލިބިވާ 390،840 ރުފިޔާ ހޯދުމަށެވެ. މި މައްސަލައިގެ ޝަރީއަތް ހިންގުމަށް ތިން ފަހަރެއްގެ މަތިން އަލްހާނާއި ޝަހުބާން ކޯޓަށް ހާޒިރުވާން އަންގައި އިއުލާން ކުރި ނަމަވެސް އެ މީހުން ކޯޓަށް ހާޒިރުވެފައި ނުވާތީ މި މައްސަލަ ބަލައި ހުކުމް އިއްވީ އެމީހުންގެ ޣައިރު ހާޒިރުގައެވެ.
އެގޮތުން މި މައްސަލަ ބަލައި މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ އިރު އެ ހުކުމުގައި ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަން ސާބިތުވާ ކަމަށާއި ދައުވާ ކުރާ ފަރާތުން އެދޭ ފައިސާއަކީ ދައުވާ ލިބޭ ފަރާތުން ދޭން ޖެހޭ ފައިސާތަކެއް ކަަމަށެވެ. އެ ފައިސާގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ހަރަދު ކަމަށްވާ 76،626 ރުފިޔާ ނަގައިދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޖުމްލަ 587،466 ރުފިޔާ 15 ދުވަސްތެރޭ ދައްކަން އަލްހާނާއި ޝަހުބާން އަދި ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގައި އަލްހާން އާއިއ އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާ ކުރުމަށް 13 މައްސަލައެއް ޕީޖީއަށް ހުށަހަޅައި އެ މައްސަލައިތައް ކޯޓުގައި ހިންގަމުން ދަނިކޮށް އަލްހާން ވަނީ އެ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ހަވާލުކޮށްފައެވެ.
އެގޮތުން އެ މީޙުންނަސް ދޭން ޖެހޭ ފައިސާ އަލްހާން ދީފައިވާ ކަން ޔަގީން ކުރުމަށް ފަހު އެ މައްސަލަތައް ނުބަލަން ޕީޖިން ވަނީ ނިންމާފައެވެ. ނަމަވެސް، މި މައްސަލާގައި ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިންމައި ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
