މި ސަރުކާރު ވެރިކަމަށް އައިތާ ދެ އަހަރު ވެފައިވާ އިރު އެ މުއްދަތުގެ ތެރޭގައި 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ފާއިތުވި ދެ އަހަރު އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ހިފަަހައްޓާ އެކަން ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުން ކަމަށެވެ. އެގޮތުން ފާއިތުވި ދެ އަހަރު ތެރޭ 1.1 ޓަނުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގަކީ 2.2 ބިލިއަން ރުފިޔާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިއީ ތާރީހުގައި ދެ އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފެހެއްޓި ފުރަތަމަ ދެ އަހަރު ކަމަށް އިހުސާން ވިދާޅުވިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ މީހުން ހުއްޓުވުމަށްޓަކައި މި ސަރުކާރުން ވަނީ "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް މިއަހަރުތެރޭ ފަށާފައެވެ. ދާއިރާއެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މި ހަރަކާތުގެ ތެރެއިން މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށި މި އޮޕަރޭޝަންގެ ތެރެއިން އެ މަހުގެ 13 އާ ދެމެދު، ޖުމްލަ 500 ފުލުހުން ބައިވެރިވެ 105 ތަނެއް ބަލައި ފާސްކޮށްފައި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ އޮޕަރޭޝަންގައި އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 29.68 ކިލޯ ހުރި އިރު އެ މައްސަލައިގައި 110 މީހުން ހައްޔަރުކުރިއެވެ. އޭގެތެރެއިން 61 ފަރާތެއްގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
ނަމަވެސް މީގެ ތެރެއިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައި ވަނީ 38 މީހުންނެވެ. ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ކުށުގެ ރެކޯޑު އޮންނަ މީހުން ވެސް ހިމެނޭ އިރު، އެ މީހުންގެ ވަނަވަރު ފުލުހުން ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ. 38 މީހުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކޮށްފައި ވަނީ، މަސްތުވާތަަކެތި އަތުން ފެނުނު މިންވަރަށް ބަލާފައި ކަމަސް ފުލުހުން ބުނެފައި ވެއެވެ. އަދި ކޯޓަށް ހާޒިރު ނުކޮށް 68 ފަރާތެއް ވަނީ މި އޮޕަރޭޝަން ތެރޭގައި ދޫކޮށްލާފައެވެ.
މި އޮޕަރޭޝަނުގައި ރެއިޑް ކުރި ތަންތަނުން މަސްތުވާތަކެތީގެ އިތުރުން ފައިސާ ވެސް ވަނީ ފެނިފައެވެ. އެގޮތުން 188،959.84 ރުފިޔާ އެ ތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
