އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް، ގާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުމާ އަދިވެސް އިތުރު ކަންތައްތައް ހިމަނައިގެން، ބްރޯޑްކާސްޓަރުންނާ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާ ނޫސްވެރިންގެ ސުލޫކީ މިންގަނޑު އާންމުކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކުރި ސުލޫކީ މިންގަނޑަކީ މިއަހަރުގެ ތެރޭގައި އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެކެވެ. މި އުސޫލުގައި ބަޔާންކޮށްފައިވަނީ، ބްރޯޑްކާސްޓަރުންނާ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާ ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކެވެ. އަދި ޕްރޮގްރާމިން އާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތަކާ މިންގަނޑުތަކާ މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި ގޮތުން ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިފަހައްޓަންޖެހޭ ހަމަތަކުގެ ތެރޭގައި
- އިސްލާމްދީނާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން
- ގައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން
- އިޖުތިމާއީ އަހުލާގާއ އާންމު ނިޒާމު ހިފެހެއްޓުން
- މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުން
- އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުން
- ތެދު މައުލޫމާތު ހާމަކުރުމާ އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން
- އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް، ގާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުން
- މުޖުތަމައުގައި އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ހާއްސަ ރައްކައުތެރިކަމާއި ސަމާލުކަމެއް ދިނުން
- ހަބަރާއި މައުލޫމާތު ފެތުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް ގެއްލުންވާނެ ފަދަ ހަބަރާއި މައުލޫމާތު ނުފެތުރުން
މީގެ އިތުރުން ކޮޕީރައިޓު ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓާ ބެހޭ ބައެއް ވެސް ހިމަނާފައިވައެއެވެ. އެގޮތުން އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރުމުގައި އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދައާއި އެކު އެ ފަރާތަށް ކްރެޑިޓްދީގެން މެނުވީ އެ ކޮންޓެންޓެއް ގެނެސްދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޮންޓެންޓް އުފެއްދުމުގައި އާޓިފިޝިއަލް އިންޓެލިޖެންސް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ.
ބްރޯޑްކާސްޓަރުންނާ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ނޫސް ނުވަތަ މަޖައްލާއަކުން، ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެެވެ.
