މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ ހާސިލްކުރެވުނު ކަމެއްގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވިދާޅުނުވެވޭ ކަމަށާއި، މުޅިން ވެސް ވިދާޅުވަމުން ގެންދަވަނީ ކުރިއަށް ކުރައްވާނެ ކަންކަން ކަމަށް ކުރީގެ ރަައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒުވާނުންނަށް ހާއްސަކޮށްގެން ޕީއެންއެފް އިން ބޭއްވި ރައިޒްއަޕް ޔޫތު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަހުގެ 14 ވަނަ ދުވަހު ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މުޅި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ. ހައްތަހާ ވެސް ވިދާޅުވަމުން ގެންދެވީ ކުރިއަށް ކުރައްވާނެ ކަންކަމުގެ ވާހަކަފުޅުތައް ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އެކި ތަންތަނުން ބިން ހިއްކައި ގޯތި ދެއްވާނެ ވާހަކަފުޅު ކަމަށާއި ރަސްމާލެއިން 15،000 ގޯތި ދެއްވާނޭ ކަމަށް ޔަޟީން ވިދާޅުވިއެވެ. ހަމައެއާއެކު ކާށިދޫ ކަނޑުން ވެސް 30،000 މީހުންނަށް ގޯތި ދެއްވާނެ ކަމަށާއި ބަރަވެލި ކަނޑުން ވެސް 20،000 މީހުންނަށް ގޯތި ދެއްވާނެ ކަމަށާއި ހައްތަހާ ވެސް އެމަނިކުފާނު ދައްކަވަނީ ކުރަން ހުރި ކަންތައްތަކުގެ ވާހަކަތައް ކަމަށް ޔާމީން ވިދާޅުވިއެވެ.
ބިން ހިއްކުމުގެ ވާހަކަ މުއްިްޒު ދައްކަވާއިރު އެކަމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަަލައިލުމުން އެނގެނީ ހިއްކައިފައި އޮތް ބިންކޮޅަކުން ގޯތި ދިނުމަކުން ރައްޔިތުންނަށް ނޫޅެވޭނެ ކަން ކަމަށެވެ. އެ ތަންތަނުގައި އުޅެވޭނީ އެކަމަށް ބޭނުންވާ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކޮށްގެން ކަމަށް ޔާމީން ވިދާޅުވިއެވެ.
ބިން ހިއްކުމަކީ އެންމެ ފަސޭހަ ކަންތައް ކަމަށާއި އއުވަދޯނި އެހާ މަޝްހޫރުވެގެން އުޅެނީ ވެސް އެހެންވެގެން ކަމަށް ޔާމީން ވިދާޅުވިއެވެ. ބިން ހިއްކުމަށް ފަހު ހިއްކާ ބިމުގައި ކަނޑުތޮށިލުމާއި، ކަރަންޓާއި، ފެނާއި، ނަރުދަމާގެ މަސައްކަތް ވެސް ކުރަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތްތައް ވާންވާނީ ރައްޔިތުން އެދޭ ކަންކަމަށް ކަމަށެވެ. އަދި ސަރުކާރުން ހަރަދުކުރާ ކޮންމެ ފައިސާ ފޮއްޗަކާމެދު އެ ސަރުކާރަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. މި ސަރުކާރަށް މިހާ ހިސާބަށް އާދެވުނުއިރު، ރައްޔިތުން އުފާވާ ފަދަ އެއްވެސް ކަމެއް ކުރެވުނުތޯ އައްސަވާ ޔާމީން ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން މިހާރު މި ސަރުކާރުން ބުނާ އެއް ވާހަކައަކީ ދަރަންޏަކީ ނަގަން ޖެހޭ އެއްޗެއް ކަމަށާއި ކުރީ ސަރުކާރުތަކުން ވެސް ދަރަނި ނެގި ކަމަށް ޔާމީން ވިދާޅުވިއެވެ. ދަރަންޏަކީ ސަރުކާރެއް ހިންގާއިރު އޭގެ ޒާތުގައި އޮންނާނެ އެއްޗެއް ނަމަވެސް ދަރަނި އުފައްދައިގެން ކުރުން މުހިންމީ ދަރަނި ފޫބެއްދޭ ވަރުގެ އިގްތިސޯދީ މަސައްކަތްތަކެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
އެގޮތުން އެ މަނިކުފާނުގެ ވެރިކަން ނިންމިއިރު ވެސް ދަރަނި އޮތް ކަމަށާއި އެކަމަކު އެ ދަރަނި ފޫބެއްދޭވަރުގެ ބޮޑެތި ބިނާތައް ތަރައްގީކޮށްދީފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ސިނަމާލެ ބްރިޖް ފަދަ މަސައްކަތްތައް އޭގެ ތެރެއިން ޔާމީން ފާޙަގަކުރެއްވިއެވެ. އަދި އިގްތިސޯދު ފުޅާކުރުމަކީ އެއީ ކަމަށާއި އެ ދުވަސްވަރު ރާއްޖޭގެ ފިޗް ރޭޓްވެސް ޓްރިޕަލް ސީއާ ހަމައަށް ދަށަށް ނުދާ ކަން ފާހަގަކުރެއްވިއެވެ.
