ހުޅުމާލޭގައި ބާއްވާ އިވެންޓް ނުވަތަ ފެއާއަކުން ސްޓޯލް ގަތުމުގެ ކުރިން އެއީ އެޗްޑީސީން ނަގަން ޖެހޭ ހުއްދަ ނަގައިގެން ހިންގަން އުޅޭ އިވެންޓެއްތޯ ޔަގީން ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޑީސީ އިން ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް ނުވަތަ ފެއާ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަން ޖެހޭ ހުއްދަ ނެގުމަކާ ނުލައި ބައެއް ފަރާތްތަކުން އިވެންޓް ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއް ކަން ޔަގީން ކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ

ހަމައެއާއެކު އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި މި ގޮތަށް އިވެންޓްތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރަމުންނާއި، ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ބުނެއެވެ.

މީގެ އިތުރުން މި އަހަރު މެއި މަހުގެ 14 ވަނަ ދުވަހު އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ އިއުލާންގައި ވާގޮތުން ހުޅުމާލޭގައި ފެއާ، ނައިޓްމާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީ ވާނީ ހުއްޓާލާފައި ކަން ވެސް ހަނދުމަކޮށްދެން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިފަދަ ކަންކަމުގައި އާންމުންނާއި ވިޔަފާރިތަކުން ދެމުންދާ އެއްބާރުލުން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރުވެސް އަދާކޮށްފައެެވެ.