އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކުލަވާލައިފައިވާ އާ ފައިނޭންސިންގް ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަދު މުޅިން އަލަށް ހުޅުވާލި ސްކީމްގެ ދަށުން، ޝަރީއާ އުސޫލުތަކުގެ ތެރެއިން 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގް ލިބޭނެއެވެ. މި ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭއިރު އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގް ފެސިލިޓީގެ ފައިދާ ރޭޓަކީ އަހަރަކު 9.5 ޕަސެންޓެވެ.
މި ފުރުސަތުގެ ސަބަބުން، އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބުމުގެ ފުރުސަތު ފަހިވާނެއެވެ. ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިއެވެ.
މި ސްކީމްގެ މައިގަނޑު މަގްސަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިގްތިސާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުން ކަމަށް އެސްޑީއެފްސީން ބުނެއެވެ.
މި ސްކީމްގެ އިތުރުން،ވެސް އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ފަށާފައިވާ “ފަށާ މަދަދު ލޯނު” ސްކީމުގެ ދަށުން ފައިނޭންސިންގް ދޫކުރަމުންނެވެ.
