މީހުން ބާލަން ނިންމާފައިވާ ހދ. ހިރިމަރަދޫގައި މަޝްރޫއު ކުރިއަށް ގެންދާ ސަބަބު ސަރުކާރުން ސާފުކޮށްދީފިއެވެ.

އާބާދީގައި 589 މީހުން ހިމެނޭ ރަށުގައި ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

މީހުން ބަދަލުކުރާނެކަން އިއުލާނުކޮށްފައިވަނިކޮށް ހިރިމަރަދޫގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރުމުގެ މަޝްރޫއުގައި އަމިއްލަ ކުންފުންޏަކާއެކު ސަރުކާރުން ވަނީ އިއްޔެ ސޮއިކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ބިލްޑްޓެކް ކުންފުންޏަށް 4،104،000 ރުފިޔާއަށެވެ.

ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރާނެ ކަމަށް އިއުލާނުކޮށްފައިވަނިކޮށް މި މަޝްރޫއު ހަވާލުކުރުމާއެކު ބައެއް ފަރާތްތަކުން ދަނީ މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހދ. ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދާހާ ހިނދަކު ސަރުކާރުން ގާއިމްކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މަދުވެގެން 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާނީ ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއަކަށް ގެއެއް އަޅައިދޭ ގޮތަށް ކަމަށާއި ބަދަލެއްގެ ގޮތުގައި ފައިސާގެ އަދަދެއްވެސް ދޭނެ ކަމަށެވެ.