ހދ. ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ހިޖުރަކުރަން ބޭނުންވާ އާއިލާތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު، އެ ރަށް ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ހޯރަފުށީ ކައުންސިލުން އެ ރަށަށް ބަދަލުވުމުގެ ދައުވަތެއް ހިރިމަރަދޫ ރައްޔިތުންނަށް ދީފައިވާތީއެވެ. ހަނިމާދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މިއީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމާފައިވާ ނިންމުމެކެވެ.
ހޯރަފުއްޓަށް ބަދަލުވާން ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހެއެވެ. މިކަމަށްޓަކައި ހަނިމާދޫ ކައުންސިލަށް ނުވަތަ ހަނިމާދޫ އަވަށު އޮފީހަށް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) ހާޒިރުވެގެން ނަން ނޯޓުކުރެވޭނެއެވެ. މީގެ އިތުރުން ކައުންސިލްގެ ފޯނު ނަންބަރު 4002064 އަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށްވެސް މި ފުރުސަތުގެ ބޭނުން ހިފޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ހިރިމަރަދޫއަކީ އާބާދީ ކުޑަ ރަށަކަށް ވުމާއެކު، އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ނިންމުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހު ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅުއްވައި، އެ ރަށް ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާފައެވެ.
