ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ގެ ނިސްބަތުން މި އަހަރު ދައުލަތުގެ އާމްދަނީ 32 ޕަސެންޓަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިފަދައިން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ ފުރަތަމަ 40 ހަފްތާގައި ސަރުކާރު ހިންގާފައިވަނީ ފިސްކަލް ސާޕްލަސްއެއްގައި ކަމަށެވެ. އަދި އެއާއެކު ގިނަ އަހަރުތަކެއް ފަހުން މި އަހަރު ބަޖެޓުގެ ޑެފިސިޓް ސިންގަލް ޑިޖިޓަށް ކުޑަވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެސްޑީއެފްސީ ބޭނުން ކުރީ ބަޖެޓު ޑެފިސިޓް ފައިނޭންސްކޮށްގެން ނަތީޖާއެއް ނެތް ހަރަދުތަކަށް ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މި ސަރުކާރުން އެ ފަންޑު އަލުން ބިނާކޮށް، ބޭރު ފައިސާއިން ބަލަހައްޓާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން އެ ފަންޑުގައި 100 މިލިއަނަށްވުރެ ގިނަ ނަގުދު ފައިސާ މިވަގުތު ހުރިކަން ޒަމީރު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ދައުލަތުގެ އާމްދަނީއަށް ބަލާއިރު ޖީޑީޕިގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 ޕަސެންޓަށް އުފުލިގެންދާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އަދި އިގްތިސޯދީ ހަރަކާތްތައް ރަނގަޅުވުމަކީ ޒިންމާދާރު ފިސްކަލް މެނޭޖްމެންޓްގެ ނަތީޖާކަން ވެސް ޒަމީރު ވަނީ ފާހަގަކުރައްވާފައެވެ.
ޒަމީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ބަނގުރޫޓުވުމުގެ މަގުމަތީގައިވާ ގައުމެއްގެ ގޮތުގައި މިހާރު ނުދެކޭ ކަމީ ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމަށެވެ. އަދި ބައިނަލްއަގްވާމީ އިތުބާރު އަލުން ގާއިމްކޮށް، ދިވެހިރާއްޖެއަކީ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި އެކި ގައުމުތަކުން ބަލައިގަންނަން ފަށާފައިވާކަން ވެސް ޒަމީރު ފާހަގަކުރެއްވެވިއެވެ.
