އެސްޓީއޯގެ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ ތަފާސް ހިސާބުތައް އާންމުކޮށްފައިވާއިރު އެ ކުންފުންޏަށް ތިން ވަނަ ކުއްޓާރުގައި ޖުމްލަ އާމްދަނީ ގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައިއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.

އެސްޓިއޯ އިން ބުނީ އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުން ކަމަށެވެ. ހަމަ އެއާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ 8 އިންސައްތައިން އިތުރުވެފައެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލައި 5 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުއާޓަރުގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ވަނީ ރީކްލެސިފައި ކުރެވިފައެވެ. މިއާއިއެކު ޖުމްލަ ހިންގުމުގެ ހަރަދު ވަނީ 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. އެއާއެކު ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތައިން އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައެވެ.

އެސްޓިއޯ އިން ބުނީ އެ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 230 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓާއި އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.