ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިލޭ ބިން ދޫކުރުމުން ދައުލަތަށް 13 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ފަލާހު ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި، އެމްޑީޕީން ގޯތި ދޫކޮށްފައި ހުރީ ކަނޑު އަޑިންނެވެ.

އަދި މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހިލޭ ގޯތި ދޫކުރީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް، އިންތިހާބުގައި ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް ފަލާހު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެއާއެކު ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދިނުމަށް ފަހު ހިލޭ ދޫކުރި ހުރިހާ ގޯއްޗެއް ދައުލަތަށް ނެގުމަށް ފަލާހު ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،"
ފަލާހް

ހަމަ އެހެންމެ ރައްޔިތުންގެ ތެރެއިން 99 ޕަސެންޓް މީހުން އެކަމަށް ތާއީދުކުރައްވާނެ ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ސަރުކާރުން ހިލޭ ގޯތި ދިނުމުގެ ސްކީމަކީ އެ ސަރުކާރުން ދިން އެންމެ ބޮޑު އެއް ގެއްލުމުގެ ގޮތުގައި ސިފަކުރައްވައި ފަލާހު އިތުރަށް ވިދާޅުވީ، ގޯތިތައް ހިލޭ ދޫކުރުމުގެ ސަބަބުން ސަރުކާރަށް 13 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

"މާލޭގެ އެއްބައި ރައްޔިތުންނަށް ގޯތި ވިއްކާއިރު އަނެއް ބަޔަކަށް ގޯތި ދެނީ އެއްތަނަކުން އެކަމަކު ހިލޭ" ކަނބޮޑުވުން ފާޅު ކުރައްވަމުން ފަލާހު ވިދާޅުވިއެވެ.

އަދި ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށާއި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ މައި މަގު، ނިރޮޅުމަގުގެ އިރުމަތީ ފަރާތުގައި ހުރި ގެތައް އިމާރާތްކުރީ މުޅިން ވެސް، ބޮޑު އަގުގައި ބިން ގަނެގެން ނަމަވެސް މަގުގެ ހުޅަނގު ފަރާތުން ފެށިގެން އެ އޮތް އެތައް ބްލޮކެއްގައި ހިމެނޭ 200 އަށް ވުރެ ގިނަ ގެ، އެމްޑީޕީ ސަރުކާރުން ދީފައި ވަނީ ހިލެ އެވެ. އެކަމާ ގުޅިގެން އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ.

އެގޮތުން އޭރު އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެ މައްސަލަ ވަނީ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.