'ހިތްފަސޭހަ ހުޅުމާލެ' ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން އެޗްޑީސީއިން ބުނެފިއެވެ.

މިއީ ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ ގަސްތަކުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވާ ކަމަށެވެ. އަދި އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި ހުޅުމާލެ ފެހިކުރުމަށް އެޗްޑީސީއިން ކުރާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީ އާއި ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޝަކުވާ ލިބޭކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީއިން ބުނީ ހިތްފަސޭހަ ހުޅުމާލެ ކެމްޕެއިންގެ މަގްސަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށެވެ.