ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން 3 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ރިޔާސް އުއްދީން (19އ)، އެމްޑީ އަޝްރަފުލް އަލަމް (27އ) އަދި ޕާކިސްތާނަށް ނިސްބަތްވާ ޔާސިރް ހަމީދު (24އ)އެވެ.

ފުލުހުން ބުނީ މި 3 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1ގައި ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި ކަމަށެވެ. ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.