ރާއްޖޭގެ 4 އަތޮޅެއްގެ 31 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެެެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ.
8 ދުވަހުގެ ދަތުރުފުޅުކަށް ރައީސް ފުރާވަޑައިގަތީ ވ. މ. ފ. އަދި ތ. އަތޮޅަށްކަމަށްވާއިރު މި ދަތުރުފުޅަށް އެމަނިކުފާނު ފުރާވަޑައިގަތީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވާ އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކި ރަށްރަށުގައި ތަރައްގީގެ އެކި މަޝްރޫއުތަކާއި މަސައްކަތްތައް ފައްޓަވާދެއްވާ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައިވެސް ސޮއިކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ ބައެއް ރަށްރަށުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުކުރުމުގެ ގޮތުން އާރްޓީއެލް ފެރީ ނިޒާމުގެ ހިދުމަތް ފެއްޓެވުމާއި، ވައިގެ ބަނދަރުތަރައްގީ ކުރުމުގެ މަޝްރޫއުތައް ވެސް ރައީސް ފައްޓަވާދެއްވާފައިވާކަމަށެވެ. މީގެއިތުރުން 4 އަތޮޅުގެ ބައެއް ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތްވެސް ފައްޓަވާދެއްވާފައިވެއެވެ.
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫއުތަކާއި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ތައުލީމީ އަދި ސިއްހީ ދާއިރާ ފުޅާކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންފައިވެއެވެ.
