ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ގާއިމްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެލިއާ އިންވެސްޓްމަންޓާ އެކު އެއްބަސްމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ، މިއަދާ ހަމައަށް ޕޯޓުން ކުރަމުން އައި މަސައްކަތަކީ ކޮންޓެއިނާ ރާއްޖެ ގެނެސް ކަނޑާ ވިޔަފާރި ބަނދަރަށް ބޭރު ކުރުން ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޕޯޓުތައް އިތުރުވުމުން ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކް މަސައްކަތްތައް ފެށުމާއި ކަނޑާއި ގުޅިފައިވާ މަސައްކަތް ފުޅާކުރަން ހިމެނޭ ކަމަށް ރިޝްވާން ވިދާޅުވިއެވެ. މި މަސައްކަތުން ކުންފުނީގެ އާމްދަނީ އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުތުރުގައި ޕޯޓްގެ މަސައްކަތް ފެށިއިރު ވެސް ވަރަށް މުހިންމު ކަންކަން މަދިކަން ފާހަގަ ކުރައްވަމުން ރިޝަވާން ވިދާޅުވީ، އުތުރުގައި ބަނދަރެއް އޮވެފައި ގިން ހިދުމަތްތައް ބޭނުންވެގެން ރިކުއެސްޓް އަންނަ ކަމަށެވެ. އެތަނުގައި ވެއާހައުސް ހުންނަ ކަމަށާއި އިންޖީނިއަރިން ސާވިސް ދެވެން ހުންނަ އިރު އެއްގަމު އުޅަނދު ބަލެހެއްޓޭ ކަން ރިޝަވާން ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ ޕޯޓުގައި ޔަމަހާ ސޭލްސް ސެންޓަރެއް ގާއިމް ވެގެން ދިއުމަކީ ޕޯޓުން ދެވޭ ހިދުމަތްތައް ވެސް އިތުރަށް ކުރިއަރައިގެން ދާނެ ކަމެއްގެ ގޮތުގައި ރިޝަވާން ވިދާޅުވިއެވެ.
އެލިއާ އިންވެސްޓްމަންޓްގެ އެމްޑީ އަލާއު އަލީ ވިދާޅުވީ، މިކަމަށް މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެ ކުންފުނީގެ ގިނަ އުންމީދުތަކެއް އެބަހުރި ކަމަށާއި މިއީ ފެށުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުންމީދު ކުރަނީ މި ފެށުމާ އެކު ދިގުދެމިގެން ދާއިމީ ގުޅުމަކަށް މި ގުޅުން ވާނެ ކަމަށް އަލާއު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ޔަމަހާގެ ސާވިސް ސެންޓަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެލިއާ އިންވެސްޓްމަންޓާ އެކު ވެފަިއވާ އެއްބަސްވުމުގައި 6 މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ޖެހޭނެއެވެ. އެ ސޭލްސް ސެންޓަރުން ޔަމަހާގެ އިންޖީނުތަކަށް އައުޓް ބޯޑް ހިދުމަތްތައް ދޭނެއެވެ.
