10 ބާވާތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެ ކުރި ނަަމަވެސް އެއީ ކާނާގެ ޔަގީންކަން ކަށަވަރުވާ ކަމެއް ނޫން ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅު ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
ރައީސްގެ މި ޕޯސްޓާއި ގުޅިގެން އަމީރު ވިދާޅުވީ މި ތަކެތި ގެނައުމަށް އެސްޓީއޯއާ ހަވާލުކުރުމަކީ ''ފުޑް ސެކިއުރިޓީ'' ލިބުން ނޫން ކަމަށެވެ. އަދި ފުޑް ސެކިއުރިޓީއަކަށް ވާނީ މި ބާވަތްތައް ރާއްޖޭގައި ހެއްދުމުން ކަމަށް އަމީރު ވިދާޅުވިއެވެ. "މިހާރު ތި ކުރެވޭ ކަމަކީ އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ވަދެވެނީ." އަމީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވަނީ މި ބާވަތްތައް އެސްޓިއޯއިން އިތެރެކުރަން ފެށުމުން އަމިއްލަ ވިޔަފާރިތަކަށް އަސަރުކޮށް، ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ގޮސްދާނެކަމަށް ވިދާޅުވެފައެވެ. އަދި ފުޑް ސެކިއުރިޓީއަކީ ކާރިސާއެއް ދިމާވެގެން އެހެން ގައުމަކަށް ބަރޯސާނުވެ، އަމިއްލަ ގައުމުގައި ބާވަތްތައް ހައްދަން މަސައްކަތް ކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ މާޗް މަހު 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި މީހަކު ވަނީ އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައިވާނެ ކަަމަށެވެ.