ދަރަންޏާއި ކޮރަޕްޝަން ހައްލު ނުކުރެވޭނަމަ އިތުރު ގައުމުތަކުގެ ވެރިކަންތައް ވެއްޓޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ނަޝީދު ވިދާޅުވީ ނޭޕާލުގައި މިހާރު ކުރިއަށްދާ މުޒާހަރާގެ ސަބަބުން އެގައުމުގެ ވެރިކަން ވެއްޓެމުން ދާއިރު، ދަރަންޏާއި ކޮރަޕްޝަން ހައްލު ނުކުރެވޭނަމަ އިތުރު ގައުމުތަކުގެ ވެރިކަންވެސް ހަމަ އެފަދައިން ވެއްޓުމަށް މަގުފަހިވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ މި ކަމަށް ހޭލުންތެރިވެ ކުރިއާލާ ފިޔަވަޅު ނޭޅިއްޖެނަމަ އިތުރު ހަމަނުޖެހުމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނޭޕާލްގެ އިތުރުން މިދިޔަ އަހަރު އަސްކަރިއްޔާގައި ގައުމަށް ހިދުމަތްކުރި މީހުންގެ އާއިލާއަށް ވަޒީފާ ދިނުމުގައި އިސްކަން ދޭފަދަ ގާނޫނެއް ފާސްކުރުމާއި ގުޅިގެން ބަންގްލަދޭޝްގެ ވެރިކަންވެސް ވަނީ ވައްޓާލާފައެވެ.
ފާހަގަކުރެވޭ ގޮތުގައި ނޭޕާލްގައި ކޮރަޕްޝަނާއި އާންމުންގެ މެދުގައި އޮންނަ ތަފާތު ކުރުންތަކާއެކު ސަރުކާރާ މެދު އޮންނަ ނަފުރަތު ކޮޅުންލައި، ސޯޝަލްމީޑިއާގެ އެޕްތައް މަނާކުރުމުން ޒުވާނުން މަގުތަކަށް ނިކުމެ އެތައް އޮޝިލަކަށް ހަމަލާދީ އެތައް އިމާރާތެއް ވަނީ ރޯކޮށްލާފައެވެ.
އާމީ ހެޑްކުއާޓަރުން އާންމު ކުރި ބަޔާނެއްގައި ވަނީ، ނޭޕާލް ގަޑިން ހަވީރު 5 ޖެހުމާ ހަމައަށް މިއަދުގެ ކާފިއު ދެމި އޮންނާނެ ކަމަށާއި މާދަމާވެސް ހެނދުނު 6 އިން އިރޮއޮއްސި 6 އަށް ކާފިއު ދަމަހައްޓާނެ ކަމަށެވެ. އިދާރާތަކުން ބުނީ، ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް ޒުވާނުން ތަންތަން ލޫޓުވައި ހަތިޔާރުވެސް އަތަށް ނަގާފައި ވާ ކަމަށާއި މުޒާހަރާކޮށް، މުދަލާއި ތަކެއްޗަށް ގެއްލުންދެމުން ދާކަމަށެވެ.
ނޭޕާލުގެ ހަމަނުޖެހުން ގޯހުން ގޯހަށް އެތައް ބަޔަކާއި މުދަލަށް ގެއްލުން ލިބިގެން ދިޔައިރު އެގައުމުގައި ހުންނަ އެންމެ ބޮޑު އެއް އިންޓަނޭޝަނަލް ބްރޭންޑް 'ހިލްޓަން' ގެ ހޮޓަލުގައި ވެސް ވަނީ ރޯކޮށްލާފައެވެ.