ބާޒާރުގައި އޮރެންޖުގެ އަގު އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް އެސްޓީއޯއިން އޮރެންޖު ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
ތަފާތު މޭވާގެ ބާވަތްތައް އަގުބޮޑުވެފައިވާ މި ދަނޑިވަޅުގައި ބާޒާރު މަތިން އެންމެ އާދައިގެ އޮރެންޖާއި އާފަލުގެ އަގު ވެސް ވަނީ އަތް ނުފޯރާ ފަށަށް އުފުލިފައެވެ. ބާޒާރު މަތީގައާއި މޭވާ އާއި ތަރުކާރީ ވިއްކާ ފިހާރަތަކުގައި ވެސް އުޅެނީ ހަމަ އެއް ރޭޓެކެވެ.
ކުރިން އާފަލާއި އޮރެންޖުގެ އަގު 6 ވަރަކަށް ރުފިޔާ އަށް އުޅުނު ނަމަވެސް މިހާރު މި ދެ ބަވާތުގެ މޭވާގެ އަގުވެސް ވަނީ ދެގުނަ ބޮޑުވެފައެވެ. އެގޮތުން ފާއިތުވި ދެ ހަފްތާއަށް ބަލާއިރު ވެސް މާލޭ ބާޒާރުގައި އެންމެ އޮރެންޖެއް ވިއްކަމުން ދަނީ 15 ރުފިޔާއަށެވެ. އަދި އާފަލެއް އުޅެނީ ގާތްގަނޑަކަށް 10-11ރ. އާއި ދެމެދުގެ އަގެއްގައެވެ. އަދި ބައެއް ފިހާރަކުން ވަނީ ބޮލަކަށް އޮރެންޖު ވިއްކާ އަދަދު ލިމިޓުވެސް ކޮށްފައެވެ.
ދިވެހި ރުފިޔާގެ އަގު ދަށްވެ، ތަކެތީގެ އަގު ބޮޑުވާކަމުގެ ކަންބޮޑުވުން އާންމުންވެސް ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި އެސްޓީއޯއިން މިވަނީ އޮރެންޖު ބާޒާރަށް ނެރެ އަގު ހެޔޮކޮށް ވިއްކަން ފަށާފައެވެ. އެގޮތުން އެސްޓީއޯއިން ވަނީ އޮރެންޖު ކިލޯއެއް 35 ރުފިޔާއަށް އެސްޓީއޯގެ ޕީޕަލް ޗޮއިސް އިން ލިބޭނެ ކަމަށް މައުލޫމާތު ދީފައެވެ.
އެސްޓީއޯއިން އަބަދުވެސް ރައްޔިތުންނަށް ބޭނުންވާ އަަސާސީ ކާބޯތަކެތި ގެނެސް އަގުހެޔޮކޮށް ވިއްކަމުންދާއިރު ދާދި ފަހުން ބާޒާރުގައި ފިޔާ ލިބުން ދަތިވެ ކިލޯއެއް 70ރ. އަށް އުފުލުނު އިރުވެސް އެސްޓީއޯއިން ވަނީ ފިޔާ ޝިޕްމެންޓެއް ގެނެސް އަގު ކޮންޓްރޯލް ކޮށްފައެވެ. އޮރެންޖު ކިލޯއެއްގައި ހައެއް ނުވަތަ ހަތް އޮރެންޖު ހުންނައިރު، އެއް އޮރެންޖެއް އެ ޖެހެނީ ގާތްގަނޑަކަށް ފަސް ރުފިޔާއަށެވެ.
މޭވާގެ އިތުރުން ވެސް ބާޒާރުގައި ބައެއް ތަކެތީގެ އަގު ބޮޑުވާ ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. އަދި ހަމަ އެހެންމެ ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ދަތިވެ، ދިވެހި ރުފިޔާގެ އަގު ވަނީ މި ފަހުގެ ތާރީހެއްގައި ނުވެއްޓޭ ވަރަށް ވަނީ ވެއްޓިފައެވެ. އެގޮތުން ކަޅުބާޒާރުގައި ޑޮލަރެއް ވިއްކަނީ 20 ރުފިޔާއިން މަތީގެއަގެއްގައެވެ.