ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ. މި އެކްސިޑެންޓުގައި 3 ސައިކަލަކާއި ބަހެއް ހިމެނޭކަން ފާހަގަކޮށް ފުލުހުން ބުނީ މި ތިން ސައިކަލުގެ ތެރޭގައި ފުލުހުންގެ ސައިކަލެއް ވެސް ހިމެނޭ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ވީޑިއޯއިން ފެންނަ ފެނުމަށް ފުލުހުން ސައިކަލު ވެއްޓިފައި އޮންނަ މަންޒަރު ފެންނައިރު ހެލްމެޓުތައް ފުލުހުންގެ ސައިކަލާ މާ ދުރު ނޫން ހިސާބެއްގައި ފެނެއެވެ. ބެލެވޭ ގޮތުގައި އެއީ އެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހެލްމެޓްތަކެވެ.
އަދި ހައިވޭގެ ޓްރެފިކް ބަލަހައްޓަން އިތުރު ފުލުހުން ހަރަކާތްތެރިވާއިރު ބަހެއްގެ ދަށުވެފައި އޮތް ސައިކަލެއް ވެސް ފެނިގެންދެއެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައިނުވާއިރު ހޮސްޕިޓަލަށް ގެންދިޔަ ކިތައް މީހުންނެއް ކަމެއް އަދި އެ މީހުންނަށް ލިބިފައިވަނީ ކިހާ ބޮޑެތި އަނިޔާއެއް ކަމެއް ވެސް ސާފެއް ނުވެއެވެ.