ނޭޕާލްގެ ސަރުކާރުން ސޯޝަލް މީޑިއާ ސައިޓްތައް މަނާކުރުމާ ގުޅިގެން އެ ގައުމުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް އެހީތެރިކަން ބޭނުންވާނަމަ އެކަން ކޮށްދިނުމަށް ފޮރިން މިނިސްޓްރީން ތައްޔާރަށް އޮތް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސްސަލާމަތާއި ރައްކާތެރިކަމަށް ހާއްސަމާލުކަމެއްދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.
މީގެ އިތުރުން، ނޭޕާލުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ހާއްސަ ހާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި މިނިސްޓްރީ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިރައްޔިތުންގެ ކަންކަން ވަރަށް ގާތުން މިނިސްޓްރީން ބަލަމުން ގެންދާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް އެދިފައެވެ. އިންޑިއާ ހައިކޮމިޝަންގެ ނަންބަރަކީ 919910040786+ އެވެ. އަދި މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރު ކަމުގައިވާ 7983400 އަށް ވެސް ގުޅުމަށް އެދިފައި ވެއެވެ.
ނޭޕާލްގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ކޮރަޕްޝާނާ އިޖްތިމާއީ ނާއިންސާފާ ދެކޮޅަށް އެ ގައުމުގައި ކުރަން ފެށި މުޒާހަރާތަކެކެވެ.
ނަމަވެސް މި މުޒާހާރާތައް ހަމަނުޖެހުމަށް ބަދަލުވެ މުޒާހަރާގެ ބައިވެރިން މިއަދު ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ހުންނަ އިމާރާތުގައި ރޯކޮށް އެހެން އިމާރާތްތަކާ ތަންތަންނަށް ވެސް ގެއްލުންދީފައެވެ. ހަމަނުޖެހުންތަކުގައި ސަރުކާރުގެ ބައެއް ވަޒީރުންނަށް ހަމަލާތައް ދީ ހަދާފައިވާ ކަމަށް ވެސް ނޭޕާލްގެ ރިޕޯޓްތައް ބުނެއެވެ.