144 ދަޅު ބަނގުރަލާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފަސަލު ރަހްމާން މަޓުމަލްއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކަށް ފުލުހުން އަތުން އިޝާރާތްކޮށް އަދި ބަރުގޮނު އަޅައިގެން ވެސް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ޒިގްޒެކްކޮށް އެކި މަގުތަކުން ދުއްވާފައިވާ ކަމަށެވެ.

ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި ޕިކަޕު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ޕިކަޕު ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.