ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ހދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކުރުމުގެ ފްރޭމްވޯކް އެކުލަވާލުމުގެ އެއްބަސްވުން އެކުލަވާލަފައި ވަނީ ހދ. ހިރިމަރަދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރޓ) އަލީ ޒުހައިރެވެ.
މި އެއްބަސްވުމުގެ ދަށުން ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫ އިން ހާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމުގެ އިތުރުން މުނިސިޕަލް ހިދުމަތްތައް ގާއިމުކުރުމުގެ ކަންކަން ވެސް ފްރޭމްވޯކްގައި ހިމެނޭނެއެވެ.
2016 ވަނަ އަހަރުން ފެށިގެން އެ ރަށު މީހުން ހިޖުރަ ކުރަން ބޭނުންވެގެން މަސައްކަތްތަކެއް ފެށިއެވެ. ނަމަވެސް އެދެވޭ އެއްބާރުލުމެއް ސަރުކާރުގެ ފަރާތުން ނުލިބުމުން ދެން ކުރީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި ވެސް އެ ރަށުން ވަނީ ހިޖުރަކުރަން ބޭނުންވާ ކަން ހާމަކޮށްފައެވެ. ނަމަވެސް އެކަމަށް އެދެވޭ ނަތީޖާއެއް ނުލިބުނެވެ.
ހިރިމަރަދޫގައި މީހުން ހިޖުރަ ކުރަން ބޭނުންވެގެން މިއުޅޭ މައިގަނޑު ސަބަބަކީ ދަރިންނަށް ރަނގަޅު ތައުލީމް އުނގަންނައި ދިނުމަށާއި، ރަށުގެ އާބާދީ މަދު ވުމާއި، އިގްތިސޯދީ ގޮތުން އެ ރަށަށް ކުރިއެރުމެއް ފެންނަން ނެތުމުންނެވެ. ރަށުގެ އާބާދީގެ ތެރެއިން ގިނަ ރައްޔިތުންތަކެއް ދަރިންނަށް ތައުލީމް ހޯދައި ދިނުމަށާއި ވަޒީފާގެ ފުރުސަތުތައް ހޯދުމަށް އެހެން ރަށްރަށަށް ހިޖުރަ ކުރުމުން މި ވަގުތު އެ ރަށުގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން ރަށުގައި މި ވަގުތު ދިރިއުޅޭ މީހުން މަދުވުމަކީ ރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް އެ ރަށު މީހުން ގަބޫލު ކުރެއެވެ.
ޖުމްލަ 585 މީހުންގެ އާބާދިއެއް އޮތް ހިރިމަރަދޫގައި މި ވަގުތު ދިރިއުޅެމުން އަންނަނީ 229 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 52 ކުޑަކުދިންނާއި 65 އަހަރުން މަތީގެ 28 މީހުންނެވެ. ޒުވާނުންގެ ތެރެއިން މި ވަގުތު ރަށުގައި ދިރިއުޅޭ މީހުންނަށް ބަލާލާއިރު، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން މަދެވެ.
އެރަށުގައި މިވަގުތު ވެސް ގެވަޅުތަކާ އެއްކޮށް ޖުމްލަ 183 ގޭބިސީ ހުރި އިރު، އޭގެތެރެއިން މިވަގުތު މީހުން ދިރިއުޅެމުން އަންނަނީ ޖުމްލަ 75 ގޭބިސީގައެވެ. މީހުން ދިރިއުޅޭ ގިނަ ގެތަކުގައި އެކަކު އަދި ދެމީހަކު ދިރިއުޅޭ ގެތައް ގިނައެވެ. ގިނަ ގެތައް ފަޅަށް ހުރި އިރު އެ ރަށުގެ އާބާދީގެ އެތައް ބަޔަކު ދިރިއުޅެމުން އަންނަނީ މާލޭގައި އަދި އެ އަތޮޅު ކުޅުދުއްފުށީގައެވެ.
އެގޮތުން މި ސަރުކާރުން ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ހިޖުރަ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދޭނެ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން މިއަދު އެ ރަށަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސް ދުވަހުގެ ތެރޭގައި ހަނިމާދޫއަށް ބަދަލުކޮށް ދޭނެ ކަމަށާއި، ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދޭނެ ކަމަށެވެ.