ގޯއްޗަކަށް ގޯއްޗެއް ލިބޭގޮތަށް ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފުރަތަމަ މަންޒިލް ހދ. ހިރިމަރަދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުންގެ މުސްތަގުބަލު އުޖާލާ ކޮށްދިނުމުގެ ގޮތުންނާއި، އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެކަަމަށާއި، ބަދަލެއްގެ ގޮތުގައި ފައިސާގެ އަދަދެއްވެސް ދޭނެ ކަމަށެވެ.

މިއީ ހިރިމަރަދޫގެ ރައްޔިތުންގެ މުސްތަގުބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެއް. ވަރަށް އަވަހަށް އަމަލީ މަސައްކަތް ހަނިމާދޫގައި ފެށި ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް މަދުވެހެން 18 މަސްދުވަސްތެރޭ ހަވާލުކުރާނަން
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އާބާދީ ކުދި ރަށްރަށުގެ ރައްޔިތުންނާއި އާބާދީ ބޮޑު ރަށްރަށުގެ ރައްޔިތުންވެސް ހަމަހަމަކަމަށެވެ. އަދި ދިރިއުޅޭ ފަސްގަނޑު ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ރައްޔިތުންނަށް ފައިދާވާނެގޮތަށް ކުރިއަށް ގެންދިއުމުގެ ސިޔާސަތުގެ ދަށުން ކުރާ ކަމެއް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް މިއަދު ހދ އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެ ގޮތުން ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.‎

މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލު ކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.