އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ގެއަކަށް ގޮސް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު ތިން ޗޮކްލެޓް ވަގަށް ނެގި މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އިމިގްރޭޝަންގެ އޮފިސަރެއްކަމަށް ހެދިގެން ގެއަކަށް ގޮސް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައިގައި ހައްޔަރުކުރި ގ. ބެރުގެ، މުހައްމަދު ނަވީން ދޫކޮށްލާފައި ހުއްޓާ ފިހާރައަކުން ޗޮކްލެޓް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނަވީން ވަނީ ޗޮކްލެޓް ހިފައިގެން ދިޔައީ ފައިސާ ނުދައްކަން ނޫން ކަމަށާއި ފިހާރައިގެ ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ބަލާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލާގައި ވަކީލަކު ބޭނުން ނުވާކަމަށް ނަވީން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވަނީ އޭނާއަކީ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށް، ބަންދުގެ ރެކޯޑު ގިނަ މީހެއް ކަމަށެވެ.