ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. އަދި ބިލު ފާސްކޮށްފައިވަނީ 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމާއި، އެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމާއި، އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމުގެ ބޭނުމުގައެވެ.

އެ އިސްލާހުގައިވާ ގޮތުގައި މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަ ނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށްފައިވާއިރު އޭގެ ބަދަލުގައި އެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބެންޖެހޭ ގޮތަށް ބަދަލުކޮށްފައި ވެއެވެ.

އަދި ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި، ހައްލު ހޯދައިދިނުމަށް ބަންޑާރަނައިބަށް ބާރު ލިބިދޭ މާއްދާ ގާނޫނުން އުނިކޮށްފައި ވެއެވެ.

ބަންޑާރަނައިބު އޮފީހުގެ މުވައްޒަފުންގެ ގިންތިތަކަށް ބަދަލު ގެންނަން ވެސް ބިލުގައި ހިމަނާފައިވެ އެވެ. މީގެ ކުުރިން އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން މި ބިލު ތަސްދީގު ކުރުމާ އެކު ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުވާނެ އެވެ.

އޭޖީ އޮފީހުގެ ގާނޫނު ކުރިން ތަސްދީގު ކުރިއިރު އަމަލުކުރަން ފަށަން ކަނޑައަޅާފައި އޮތީ ތަސްދީގުކުރާތާ 90 ދުވަހުން ފެށިގެންނެވެ. ނަމަވެސް އަލަށް ގެނައި އިސްލާހުތަކާއެކު މިހާރު ބިލު ތަސްދީގުކޮށްފައި ވަނީ މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރާ ގޮތަށެވެ.