އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 133 މިލިޔަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މި ބަޖެޓު ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވި، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް
އޮޑިޓް އޮފީހުގެ 2027 ވަނަ އަހަރުގެ ހުށަހަޅާފައިވާ ޖުމްލަ ބަޖެޓަކީ 133,590,265 ރުފިޔާއެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަށް 85.8 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 4.2 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
މާލިއްޔަތު ކޮމިޓީއަށް ބަޖެޓު ހުށަހަޅުއްވަމުން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، އަންނަ އަހަރު އެ އޮފީހުން ޖުމްލަ 394 އޮޑިޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކެއް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ނުނިމޭ އޮޑިޓްތަކެއްގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އޮޑިޓާ ޖެނެރަލް ވިދާޅުވީ މިއަހަރަށް މަޖިލީހުން އޮޑިޓް އޮފީހަށް ކަނޑައެޅީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. މީގެ ތެރެއިން 56.9 މިލިޔަން ރުފިޔާ މީހަތަނަށް ހަރަދުވެފައިވާއިރު އަދި 45 މިލިޔަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށެވެ. އެހެންކަމުން އަހަރު ނިމޭއިރު 31 މިލިޔަން ރުފިޔާ ބޭނުން ނުކުރެވި ހުންނާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ މި ފައިސާ ހިމަނައިގެން އަންނަ އަހަރުގެ ބަޖެޓުގައި ކަންކަން ރާވާފައިވާ ކަމަށެވެ.
