މި އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން މިކަން ހާމަ ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފުވައްމުލަށް ސިޓީގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިފްކޯއިން ބުނީ މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށާނެ ކަމަށާ އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަށް ސިޓި އިން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ވިދާޅުވި ފުވައްމުލަށް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ. އަދި ފުވައްމުލަކުގައި ގާއިމް ކުރަ މަސް ޕްރޮސެސްކުރާ މަރުކަޒު ނިމުމުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

މަހަށް ހަމައަގު ހޯދައިދިނުމަށާ، އަގުއެއްކޮށްގެން މަސް ބޭރުކުރުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެކަމަށްޓަކައި މަސް ޕްރޮސެސްކުރާ ތިން ކާރުހާނާއެއް ތަރައްގީކުރުމަށް ނިންމާ އެތަންތަނުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެތަންތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ.