ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކޮނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ޖަވާބު ނުދޭ ކަމަށް ބުނެ އިހުތިޖާޖު ކުރުމުން ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
މިނިސްޓަރު ހަލީލް މިއަދު މަޖިލީހަށް ހާޒިރުކޮށްފައި ވަނީ މީކާއީލްގެ ސުވާލާ ގުޅިގެންނެވެ. މީކާއީލް ސުވާލުކުރައްވާފައި ވަނީ ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ސަރުކާރުން ބުނެފައިވާ ފަހަދް ސައުދު އަލްޝަލަންއަކީ ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅެއްތޯ ސާފުކުރުމަށާއި އެ ބައްދަލުވުމުގައި ސައޫދީގެ އެމްބަސީއިން ބައިވެރިނުވި ސަބަބު އަދި ސައޫދީއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯ ބެލުމަށެވެ. މީގެއިތުރުން "ޕްރިންސް"ގެ ލަގަބު ފަހަދް ސައުދު އަލް ޝަލަންއަށް ނިސްބަތްކޯށް ރައީސް އޮފީހުން ބޭނުންކުރި ސަބަބު އޮޅުންފުލުވުމަށް ވެސް މީކާއީލް އެދިވަޑައިގެންނެވިއެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ފަހަދް ސައުދު އަލްޝަލަނަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ އަމީރާއެއްގެ ދަރިކަލުން ކަމަށެވެ. އަދި ފަހަދް ސައުދު އަލް ޝަލަން ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ވިޔަފާރީގެ ދަތުރުފުޅެއްގައި ކަމަށާއި ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ތެރެއިން އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ކަނޑައަޅުއްވި ބޭފުޅުންނާއިއެކުކަން ހަލީލް ފާހަގަކުރެއްވިއެވެ.
ރާއްޖެ އާއި ސައުދީގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި 2 ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
"ޕްރިންސް"ގެ ލަގަބު ފަހަދް ސައުދު އަލް ޝަލަންއަށް ނިސްބަތްކޮށް ބޭނުންކުރި ސަބަބާ ގުޅޭ ގޮތުން ހަލީލް ސީދާ ޖަވާބެއް ދެއްވާފައެއް ނުވާއިރު، މީކާއީލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ މިނިސްޓަރު ހަލީލް މީކާއީލްގެ ސުވާލަށް ޖަވާބު ދެއްވި ކަމަށެވެ. އަދި މީކާއީލްގެ ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދިއުމާއެކު ނަސޭހަތްތެރިވެވަޑައިގަތުމަށްފަހު އަބްދުއްރަހީމް ވަނީ މީކާއީލްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރަށް ވަޑައިގަތުމަށް އަންގަވާފައެވެ.
ސައުދީ އަރަބިއްޔާގެ ޕްރިންސްއަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ބެސް ހަބަރެއް ޝާއިއުކުރިއެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުން އެ ހަބަރު ފަހުން ނަގާފައި ވާއިރު އެ ހަބާރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ރައީސް އޮފީހަށް އަމާޒުވެގެން ދިޔައެވެ.