ހުޅުމާލޭގައި އެންސިސް ފިޝަރީޒް އިން ހިންގަމުން އައި މަސް ފެކްޓްރީ ގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުނެފިއެވެ.

މިފްކޯއިން ބުނީ، ފަހުގެ މެޝިނަރީސް އިންވެސްޓް ކުރުމަށްފަހު، ދޮޅު އަހަރަށް ހުއްޓިފައި ހުރ،ި އެންސިސް ކޭނަރީގެ ޕްރޮސެސިންގް ކެޕޭސީޓީ ހޯދުމުގެ ދިރާސާތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު އެތަން ގަތުމައްޓަކައި އެންސިސްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.

ދުއިސައްތައެއްހާ މުވައްޒަފުންނާއެކު ހިންގަމުން އައިި އެންސިސް މަސް ފެކްޓްރީ ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ، ކުރީ ސަރުކާރުން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމެވެ. މިއާއެކު އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.

އެންސިސް ފިޝަރީސް ކުންފުނި ވުޖޫދަށް އައީ 2002 ވަނަ އަހަރު ބޮޑު ކަންނެލި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓު ކުރުމުގެ ތެރެއިންނެވެ. އެއަށްފަހު އެކުންފުނިން ވަނީ 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސް ފެކްޓްރީއެއް ގާއިމްކޮށްފައެވެ. އޭގެ ފަހުން "އެންޒީ" ގެ ނަމުގައި އަމިއްލަ މަސް ބްރޭންޑެއް ތައާރަފްކޮށް އެންސިސް އިން ވިޔަފާރި ފުޅާ ކުރިއެވެ.

ދަޅުގައި މަސް ބަންދުކުރުމަށް ގާއިމްކޮށްފައިވާ 25 މިލިއަން ޑޮލަރު ނުވަތަ 385 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓެއް ކަމަށް ވާ "އެންސިސް މަސް ފެކްޓްރީ" ހުޅުވާފައި ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ.

ދުވާލަކު 25 ޓަނުގެ މަސް ދަޅު އުފެއްދުމުގެ ގާބިލްކަން ހުންނަ އެންސިސް މަސް ފެކްޓްރީގައި 1000 ޓަނުގެ އައިސް ޕްލާންޓަކާއި 1200 ޓަނުގެ ފިނިކުރި މަސް ރައްކާކުރެވެއެވެ. ހަމައެއާއެކު މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ގަސްކާނާ ބަންދު ކުރެވޭނެ ފިޝްމީލް ޕްލާންޓެއް ވެސް އެ ފެކްޓްރީގައި ހިމެނެއެވެ.