ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ އާ ފާމަސީއެއް ހުޅުވައިފި ހިދުމަތް ދޭން ފަށައިފިއެވެ.

ހުޅުމާލެ ހުވަނދުމާ ހިނގުމުގައި، (ހުޅުމާލެ ހޮސްޕިޓަލް ކައިރި) ހުޅުވި "އެސްޓީއޯ ފާމަސީ ސެންޓްރަލް"އިން ހިދުމަތް ދޭން ފަށާފައި ވަނީ އިއްޔެއެވެ.

އެސްޓީއޯއިން ބުނީ އެ ފާމަސީ ގާއިމްކޮށްފައި ވަނީ އެ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތަށް ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ކަމަށެވެ.

އެ ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން އެ ފާމަސީއިން ވެސް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ އެ ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށެވެ. ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތް އެ ފާމަސީއިން ލިބެން ހުންނާނެކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.