ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމެޓީން ވެސް ވަކިކޮށްފިއެވެ.

އޭނާ މިއަދު އެސްއޯއީ ކޮމިޓީން ވަކިކޮށްފައިވާއިރު އިއްޔެ ވަނީ މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފައެވެ.

މުހިންމު ދެ ކޮމިޓީން ޝުޖާއު ވަކިކޮށްފައި މިވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ތަހުގީގެއް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ޝުޖާއުގެ ބަދަލުގައި އެސްއޯއީ ކޮމެޓީއަށް ޕީއެންސީ އިން އައްޔަން ކުރީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު އެވެ. މީގެ އިތުރުން ވެސް މިއަދު ވަނީ ޖުޑީޝަރީ ކޮމެޓީން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވަކިކޮށް އެކޮމެޓީއަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު އައްޔަން ކޮށްފައެވެ.

އެސްއޯއީ ކޮމެޓީއަކީ ސަރުކާރު ކުންފުނިތަކާއި ގުޅޭ މައްސަލަތައް ބެލުމަށް ހާއްސަ ކުރެވިފައިވާ މަޖިލީހުގެ ދާއިމީ ކޮމެޓީ އެކެވެ. އެ ކޮމެޓީގައި ތިއްބަވާނީ 11 މެންބަރުންނެވެ.

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ 2 އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

އެފްއައިޔޫ އިން ތައްޔާރުކޮށް އަދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތް ހިންގާފައި ވެއެވެ. އޭގެ ތެެރޭގައި ހިމެނެނީ ސްވޯން ފެމިލީ، ސްޓޯ ޕްރޯސް ޓްރޭޑިން، ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ. އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެންބަރު، އަހްމަދު އަދުހަމް އާ ބެހޭ ގޮތުންނެވެ.

24 ސޮފްހާގެ މައްޗަށް އެކުލަވާލާފައިވާ އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެއެވެ.

ނަމަވެސް ޝުޖާއު ވިދާޅުވީ، އެފްއައިޔޫގެ ރިޕޯޓަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.